ނ. ލަންދޫގައި ހަލުވިކަމާއެކު ހުން ފެތުރެމުންދާތީ، އެއީ ކޮވިޑް-19 ނުވަތަ އިންފްލުއެންޒާކަން ކަށަވަރު ކުރުމަށްޓަކައި ސާމްޕަލް ނަގައި ޓެސްޓުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިރުޝާދު ދީފިއެވެ. މި ބަލިމަޑުކަން އެ ރަށުގައި އެންމެ ބޮޑަށް ފެތުރެން ފެށީ މިދިޔަ ބޮޑު ޗުއްޓީގެ ތެރޭގައި ކަމަށް ލަންދޫ ސިއްހީ މަރުކަޒުން މައުލޫމާތު ދެއެވެ.
ލަންދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މިދިޔަ ހައްޖު ދުވަހުން ފެށިގެން ބަލިވެގެން ފަރުވާ ހޯދާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް އެވްރެޖްކޮށް 30 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކަމުންދާއިރު، ބައެއް މީހުންގެ ހާލަތު ގޯސްވެ އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހިފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ބަލި ފެތުރެމުންދާ މިންވަރު ބޮޑުވުމުގެ ސަބަބުން ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލަށް ނުދާކަން ވެސް ސިއްހީ މަރުކަޒުން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ސްކޫލް ބަންދުކުރުމާ މެދު ވަކި ގޮތެއް ނިންމާނީ، މިހާރު ނަގަމުންދާ ކޮވިޑް އަދި އިންފްލުއެންޒާ ސާމްޕަލްތަކުގެ ނަތީޖާއަށް ބެލުމަށްފަހުގައެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ދުވަސްވަރު އިންފްލުއެންޒާ އާއި ހުމުގެ ރޯގާ އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި ސަމާލުވުމަށް އެޗްޕީއޭ އިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. ލަންދޫގައި މިހާރު ކުރިއަށްދަނީ ބަލި ދެނެގަތުމަށް ބޭނުންވާ ޓެސްޓުތައް ހެދުމުގެ އެންމެ ފަހުގެ ތައްޔާރީތަކެވެ.


