Tuesday, 28 July 2026
އއ ތޮއްޑޫގެ ހިތްގައިމު ނަލަނަލަ މަސްޖިދުލް އައިޝާ---ފޮޓޯ: އެމޭޒންވިއުގެސްޓްހައުސް..

ނަމާދު ވަގުތުތަކުގައި ކުޅިވަރު ކުޅޭ ތަންތަން ބަންދު ކުރުމަށް އއ ތޮއްޑޫ ކައުންސިލުން ނިންމައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ދީނީ ސިޔާސަތުތަކާ އެއްގޮތަށް، ނަމާދު ވަގުތުތަކުގައި ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރުމަށް އއ. ތޮއްޑޫ ކައުންސިލުން ނިންމައިފިއެވެ. މި ނިންމުމަކީ ދިވެހި މުޖުތަމައުގައި އިސްލާމީ އުސޫލުތަކަށް ދޭ ސަމާލުކަން އިތުރުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ނިންމި ނިންމުމެކެވެ.

ތޮއްޑޫ ކައުންސިލުން ކަނޑައަޅާފައިވާ އާ އުސޫލުގެ ދަށުން، ކޮންމެ ދުވަހަކު އިރުއޮއްސި 6:00 އިން ރޭގަނޑު 8:00 އަށް އެ ރަށުގެ ކުޅިވަރު މައިދާންތައް ބަންދުވާނެއެވެ. މީގެ އިތުރުން، ކޮންމެ ނަމާދު ވަގުތަކާ ގުޅިގެން 30 މިނެޓުގެ ވަގުތެއް ކުޅިވަރު މެދުކަނޑާލުމަށް ވަނީ ހަމަޖެހިފައެވެ. ހުކުރު ދުވަސްތަކުގައި ހެނދުނު 10:30 އިން ފެށިގެން މެންދުރު 2:00 އާ ހަމައަށް ކުޅިވަރު ކުޅުން މަނާވާނެ ކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.

ރައީސް މުއިއްޒު ދާދިފަހުން ވިދާޅުވެފައިވަނީ، ދިވެހިންނަކީ އަމަލީ ގޮތުން އިސްލާމީ ރޫހު ދައްކުވައިދޭ ބަޔަކަށް ވާންޖެހޭ ކަމަށެވެ. "ނަމާދު ވަގުތު ޖެހުމުން ކުޅިވަރުގެ މައިދާންތަކުގައި ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން" ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިކަން ހަރުދަނާކުރުމަށްޓަކައި ބަންގި ގޮވާ ވަގުތުން ފެށިގެން ގާތްގަނޑަކަށް 20 މިނެޓަށް ކުޅިވަރުތައް މެދުކަނޑާލުމަށް ސަރުކާރުން ބަދަލުތައް ގެންނަވާނެ ކަމަށްވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.

ސަރުކާރުގެ އާ ސިޔާސަތުގެ ދަށުން، ކުރިއަށް އޮތް ތަނުގައި ތަރައްގީކުރާ ސްޕޯޓްސް ކޮމްޕްލެކްސްތަކާއި ކުޅިވަރު ކުޅޭ ބިންތަކުގައި ވުޟޫކޮށް ނަމާދު ކުރެވޭނެ ފެސިލިޓީތައް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. މިގޮތުން މާފަންނު ސްޓޭޑިއަމް ފަދަ ބޮޑެތި މައިދާންތަކުގައި ކުރިއަށް އޮތް މަސްތަކުގައި ނަމާދު ކުރާނެ އިންތިޒާމުތައް ފުރިހަމަކުރެވޭނެއެވެ.

މި ބަދަލުތަކަކީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވީތީ، އެކަމުގެ ރީތި ނަމޫނާ ދިވެހި މުޖުތަމައުގެ ހުރިހާ ދާއިރާއަކުން، ހާއްސަކޮށް ކުޅިވަރުގެ މައިދާނުން ފެންނަން އޮންނަންޖެހޭނެ ކަމަށް ރައީސް ގަބޫލުކުރައްވާތީ ގެންނަވާ އިސްލާހީ ބަދަލުތަކެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *