ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތާ ގުޅުވައިގެން، ރާއްޖޭގެ ޒުވާން ޚަޠީބުންނާއި ޙާފިޒުންނަށް ޚާއްޞަ ޤައުމީ ފެންވަރުގެ ބޮޑު މަހާސިންތާއެއް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ. މި މަހާސިންތާ ބޭއްވުމަށް ތާވަލުކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ.
މި ތާރީޚީ ބައްދަލުވުމުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގަތުމަށް، މައްކާގެ މަސްޖިދުލް ޙަރަމްގެ އިމާމް، ފަޟީލަތުއްޝައިޚު ޑރ. ޔާސިރު އައްދައުސަރީ އަށް މިހާރު ވަނީ ދައުވަތު އަރުވާފައެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި، މިއީ ރާއްޖޭގެ ކުރިއަށް އޮތް އިސްލާމީ ޒަމާނުގައި ދީނީ ކަންކަން ކުރިއެރުވުމުގައި އިސްދައުރެއް އަދާކުރާނެ ޒުވާނުންނަށް ލިބޭނެ ވަރަށް އަގުހުރި ފުރުޞަތެކެވެ.
މި މަހާސިންތާގައި މިނިސްޓްރީން ތަމްރީނުކުރާ 1000 ޒުވާން އިމާމުންނާއި ޚަޠީބުންގެ އިތުރުން، ރާއްޖޭގެ ޙާފިޒުންވެސް ބައިވެރިވާނެއެވެ. މިހާތަނަށް ރާއްޖޭގެ ޙާފިޒުންގެ ދަފްތަރުގައި 307 ބޭފުޅުން ތިއްބެވިއިރު، މިވަގުތު ތިބި 532 ޒުވާން ޚަޠީބުންގެ އަދަދު ސެޕްޓެމްބަރު މަހުގެ ކުރިން 1000 އަށް އަރާނެ ކަމަށް މިނިސްޓްރީން ލަފާކުރެއެވެ.
އަތޮޅުތަކުގައި ތިއްބެވި ޒުވާން ޚަޠީބުންނަށް މި މަހާސިންތާގައި ބައިވެރިވުމަށް މާލެ އައުމުގެ އިންތިޒާމްތައް މިނިސްޓްރީން ހަމަޖައްސައިދޭނެއެވެ. މި ބައްދަލުވުމުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު މި މަސްތެރޭގައި ހުޅުވާލާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މި މަހާސިންތާއަށް ތައްޔާރުވުމުގެ ގޮތުން، ޒުވާން ޚަޠީބުންގެ އިމާމުކަމުގެ ހެދުމާއި ތާކިހާ ތައްޔާރުކުރުމަށް މިނިސްޓަރު ވަނީ އިރުޝާދު ދެއްވާފައެވެ. މިއީ ރާއްޖޭގެ ދީނީ އައިޑެންޓިޓީ ވަރުގަދަކޮށް، ޒުވާން ޖީލުގެ މެދުގައި އިސްލާމީ ރޫހު އާލާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއްގެ ގޮތުގައި މިނިސްޓްރީން ސިފަކުރެއެވެ.


