ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ ސޯޝަލް ހައުސިން ފްލެޓުތަކުގެ ތެރެއިން ބައެއް ޔުނިޓުތައް އުސޫލާ ހިލާފަށް ކުއްޔަށް ދޫކުރި މައްސަލައެއްގައި އެކަކު ޖޫރިމަނާކޮށް، ތިން މީހަކަށް ލިޔުމުން އިންޒާރު ދީފިއެވެ. އެ ކޯޕަރޭޝަނުން ހާމަކުރި ގޮތުގައި މި ފިޔަވަޅުތައް އަޅާފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. މީގެ އިތުރުން، މިފަދަ އިތުރު ދެ މައްސަލައެއްގެ ތަހުގީގު މިހާރުވެސް ކުރިއަށްދާ ކަމަށް އެފްޑީސީން ބުނެފައިވެއެވެ.
އެފްޑީސީގެ މެނޭޖިން ޑައިރެކްޓަރު ހަމްދާން ޝަކީލް މީގެ ކުރިން ވިދާޅުވެފައިވަނީ، އެ ކޯޕަރޭޝަނުން އިމާރާތްކޮށްފައިވާ ފްލެޓެއް އެހެން އެއްވެސް ފަރާތަކަށް ކުއްޔަށް ދިނުމަކީ ނުވަތަ ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެން ގޮތަކަށް ބޭނުންކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި އެފަދަ އަމަލެއް ހިންގާ ފަރާތްތަކާ މެދު ގަވާއިދުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފައެވެ. ސޯޝަލް މީޑިއާގެ އެކި ޕޭޖުތަކުގައި މި ފްލެޓުތައް ކުއްޔަށް ދޫކުރަން އިޝްތިހާރު ކުރާ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ.
މިދިޔަ ފެބްރުއަރީ މަހުވެސް 'އަމާން އުދަރެސް' މަޝްރޫއުގެ ފްލެޓެއް ބިދޭސީން ދިރިއުޅޭ ލޭބަ ކުއާޓާއެއްގެ ގޮތުގައި ބޭނުންކުރި މައްސަލައެއް ފެންމަތިވިއެވެ. އެ މައްސަލާގައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމުން، އެ ތަނުގައި ތިބި ބިދޭސީން ނެރެ، ފްލެޓް ލިބުނު އަސްލު އާއިލާ އެތަނަށް ބަދަލުވެފައިވާ ކަމަށް އެފްޑީސީން މައުލޫމާތު ދެއެވެ. ފްލެޓް ދޫކުރާ އެއްބަސްވުމުގައިވާ ގޮތުން، ފްލެޓް ލިބޭ ފަރާތް ނޫން އެހެން ބަޔަކު އެތަނުގައި ދިރިއުޅުމަކީ ފްލެޓް އަތުލެވިދާނެ ހާލަތެކެވެ.


