Tuesday, 28 July 2026
ޒަކާތު ހައުސްގެ މި ސްކޮލަރޝިޕްތައް ޚާއްޞަކޮށްފައިވަނީ އިސްލާމީ އެކި ދާއިރާތަކަށް -- ފޮޓޯ: ޒަކާތު ހައުސް

ޒަކާތު ހައުސް ސްކޮލަރޝިޕް: ކަނޑައެޅިފައިވާ ދާއިރާތަކުގެ ބޭރުން ވެސް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

މޯލްޑިވްސް ޒަކާތު ހައުސްއިން އިޢުލާންކޮށްފައިވާ މަތީ ތަޢުލީމުގެ ސްކޮލަރޝިޕް ޕުރޮގުރާމުގެ ދަށުން، ކަނޑައެޅިފައިވާ އިސްލާމީ ދާއިރާތައް ނޫން އެހެނިހެން ދާއިރާތަކުން ކިޔެވުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް މި ފުރުޞަތު ހުޅުވާލާފައިވަނީ 17 މޭ 2026 ގައެވެ.

މި ސްކޮލަރޝިޕް ޕުރޮގުރާމުގެ ދަށުން މާސްޓާސް (ލެވެލް 9) އަދި ޕީ.އެޗް.ޑީ (ލެވެލް 10) އަށް ކިޔެވުމަށް މައިގަނޑު ގޮތެއްގައި ހުޅުވާލާފައިވަނީ އިސްލާމީ ޝަރީޢާ، ޤުރުއާނާ ބެހޭ ޢިލްމު، އިސްލާމީ ތަރުބިއްޔަތު، އިސްލާމީ ދިރާސާ އަދި ޕަބްލިކޭޝަން، އިސްލާމީ ނޫސްވެރިކަން، ޢަޤީދާ، ފިޤުހު، އުޞޫލުލް ފިޤުހު، އަދި އިސްލާމީ ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ފަދަ ދާއިރާތަކުންނެވެ.

ޒަކާތު ހައުސްއިން ބުނި ގޮތުގައި، ސްކޮލަރޝިޕަށް އެދި ހުށަހަޅާ ފަރާތްތަކުން ހަމައެކަނި ލިސްޓުކުރެވިފައިވާ ދާއިރާތަކަށް ބަރޯސާވާކަށް ނުޖެހޭނެއެވެ. އެގޮތުން، ހުށަހަޅާ ދާއިރާއަކީ ދިވެހި އިސްލާމީ މުޖުތަމަޢުގެ ކުރިއެރުމަށާއި ތަރައްޤީއަށް އެހީތެރިވެދޭނެ ދާއިރާއެއްކަން ބަޔާންކޮށްދެވޭ ނަމަ، އެހެނިހެން ދާއިރާތަކުން ކިޔެވުމަށް ވެސް ޕްރޮޕޯސަލް ހުށަހެޅިދާނެއެވެ. މިކަމަށް ބޭނުންވާ ޕްރޮޕޯސަލް ޓެމްޕްލޭޓް އިޢުލާނާއެކު ވަނީ ޢާންމުކޮށްފައެވެ.

މި ފުރުޞަތުގެ ދަށުން ޖުމްލަ 30 ސްކޮލަރޝިޕް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން 10 ފުރުޞަތު ރާއްޖޭގައި ކިޔެވުމަށް ޚާއްޞަކޮށްފައިވާއިރު، ބާކީ 20 ފުރުޞަތު ކަނޑައަޅާފައިވަނީ ރާއްޖޭން ބޭރުގައި ކިޔެވުމަށެވެ.

މީގެ އިތުރުން، ޒަކާތު ހައުސްއިން ވަނީ ޚާއްޞަ ދާއިރާތަކަކަށް އަމާޒުކޮށްގެން ވެސް ފުރުޞަތުތަކެއް ތަޢާރަފުކޮށްފައެވެ. އޭގެ ތެރޭގައި މިހާރު ސަޢުދީ ޢަރަބިއްޔާ އަދި މިޞްރުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދޭ ސްޓައިޕެންޑް ހިމެނޭ 5 ސްކޮލަރޝިޕާއި، އަންހެނުންގެ ޞިއްޙަތާ ގުޅުންހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް ދޭ 5 ސްކޮލަރޝިޕް ހިމެނެއެވެ.

މި ސްކޮލަރޝިޕްތަކަށް އެދި އެޕްލިކޭޝަނާއި ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 16 ޖުލައި 2026 ގެ 14:00 އެވެ. ހުރިހާ ލިޔެކިޔުންތަކެއް scholarship@zakathouse.gov.mv އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް ޒަކާތު ހައުސްއިން ވަނީ އެދިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *