މެޑަމް ސާޖިދާގެ ވާހަކަފުޅުގައި، އަނިޔާ ލިބޭ ކުދިން ބިރުގަންނާތީ ނުވަތަ ލަދުގަންނާތީ އެވާހަކަތައް ހިއްސާކުރަން ނުކެރި ތިބޭ ވަގުތުތަކުގައި، އެކުދިންގެ އިހުސާސްތައް ދެނެގަނެ، އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ މީހަކު ހުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވާ އާ ނުރައްކާތަކަށް އަލިއަޅުއްވާލައްވަމުން، އިންޓަނެޓް ބޭނުންކުރުމުގައި އެކަށީގެންވާ ހުދޫދުތަކެއް ކަނޑަނޭޅިއްޖެނަމަ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކޮށްފާނެ ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ. މިގޮތުން 16 އަހަރުން ދަށުގެ ކުދިން މީސް މީޑިއާ ބޭނުންކުރުން ހަރުކަށި ކުރުމަށާއި، އޮންލައިން އަނިޔާތަކުން ކުދިން ރައްކާތެރިކުރުމަށް ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކަށް އެކަމަނާ މަރުހަބާ ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން، ސަރުކާރުން އެކުލަވާލާފައިވާ ނޭޝަނަލް އެކްޝަން ޕްލޭނާއި 1412 ޗައިލްޑް ހެލްޕްލައިން ފަދަ ވަސީލަތްތަކުގެ ބޭނުން ހިފައި، ކުދިންނަށް އަމާންވެށިއެއް ގާއިމުކޮށްދިނުމަށް އެންމެހާ މުއައްސަސާތަކާއި އާންމު ފަރުދުން ގުޅިގެން މަސައްކަތްކުރުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ. އަދި ކުއްޖެއްގެ ކަރާމާތަށް އުނިކަމެއް އަތުވެދާނެ ކޮންމެ ހިނދެއްގައި އެކަމާ ދެކޮޅަށް ތެދުވުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ޒިންމާއެއްކަންވެސް ފާހަގަކުރެއްވިއެވެ.


