Tuesday, 28 July 2026
ފޮޓޯ:ހައްޖުކޯޕަރޭޝަން

ޙައްޖުވެރިންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފި

ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު ދިވެހި ޙައްޖުވެރިން ރާއްޖެ އަންނަން ފަށާފައިވާއިރު، އެފަރާތްތަކަށް ބަލިވެއްޖެ ހާލަތެއްގައި ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމުތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސައިފިއެވެ.

އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި މިފަހަރު ޙައްޖުވެރިންނަށް ވަކިން ޚާއްޞަ ފްލޫ ކްލިނިކެއް ގާއިމުނުކުރި ނަމަވެސް، ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގެ ޖެނެރަލް އޯޕީޑީ މެދުވެރިކޮށް ފަސޭހަކަމާއެކު ޑޮކްޓަރަށް ދެއްކޭނެ މަގު ވަނީ ފަހިކޮށްދީފައެވެ. މިއީ ޙައްޖުވެރިންނަށް ބޭނުންވާ ސިއްހީ ފަރުވާ އަވަސްކަމާއެކު ފޯރުކޮށްދިނުމަށް އެޅި ފިޔަވަޅެކެވެ.

ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން ގިނަގިނައިން އަތްދޮވުމާއި، ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ މާސްކު އެޅުމަށް އެ އޭޖެންސީން ވަނީ އިރުޝާދު ދީފައެވެ. އަދި ޙައްޖުން ނުވަތަ ޢުމްރާއިން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައުން، ކެއްސުން، ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އަންގައެވެ.

މީގެ އިތުރުން، ރޯގާޖެހި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާ ބައްދަލުކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ޑޮކްޓަރަށް ދައްކާއިރު، އެއީ ޙައްޖުން ނުވަތަ ޢުމްރާއިން އައި މީހެއްކަން އެންގުމަކީ އެކަށީގެންވާ ފަރުވާ ދިނުމަށް ނުހަނު މުހިންމު ކަމެއްކަމުގައި އެޗްޕީއޭއިން ފާހަގަކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *