މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 951,222 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި 992,225 ފަތުރުވެރިންނާ އަޅާބަލާއިރު 4.1 އިންސައްތައިގެ ދަށްވުމެކެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް އަސަރުތަކެއް ކުރި ނަމަވެސް، ފަހަކަށް އައިސް މި އަދަދުތައް ދަނީ އަނެއްކާވެސް އިތުރުވަމުންނެވެ. އެގޮތުން ނިމިދިޔަ މޭ މަހު އެކަނިވެސް ރާއްޖެއަށް 139,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު 3 އިންސައްތައިގެ ކުރިއެރުމެކެވެ.
ރާއްޖެ އައި ފަތުރުވެރިން ޗުއްޓީ ހޭދަކުރި ތަންތަނަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެއީ 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިންނެވެ. މީގެ އިތުރުން ގެސްޓްހައުސްތަކުގައި 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން އަދި ހޮޓެލްތަކުގައި 22,659 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ. މިވަގުތު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 1,284 ތަނެއް ހުޅުވާފައިވާއިރު، މީގެ ތެރޭގައި 67,000 އަށްވުރެ ގިނަ އެނދު ހިމެނެއެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ގިނައިން ފަތުރުވެރިން އައި ތިން ޤައުމަކީ:
- ޗައިނާ: 144,931 ފަތުރުވެރިން
- ރަޝިއާ: 126,712 ފަތުރުވެރިން
- އިނގިރޭސިވިލާތް: 80,580 ފަތުރުވެރިން
މި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އިނގިރޭސިވިލާތުން 80,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެ ޤައުމަކީ މިހާރު ރާއްޖެއަށް ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް ރެކޯޑް އަދަދަކަށް ފަތުރުވެރިން ގެނައުމެވެ.


