މިއީ މީގެ އަހަރެއްހާ ދުވަސް ކުރިން މެޓް އޮފީހުން އިއުލާންކޮށްފައިވާ، ރާއްޖޭގެ ހަވަނަ މޫސުން ބަލާ އޮބްޒަވޭޓަރީ މާފަރުގައި ގާއިމުކުރުމުގެ މަޝްރޫއުގެ ބައެކެވެ. މެޓް އޮފީހާއި އައިއޭއެސްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، މި އޮބްޒަވޭޓަރީގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
މި މަޝްރޫއުގެ ދަށުން މާފަރު އެއާޕޯޓުގައި ގާއިމުކުރާ ނިޒާމުގެ އެހީގައި، މަތިންދާބޯޓުތައް ފުރައި ޖެއްސުމުގައި ކޮންމެހެން ބޭނުންވާ މޫސުމީ ލަފާކުރުންތަކާއި، އިންޒާރުތައް އަދި އެންމެ ފަހުގެ މައުލޫމާތު ވަގުތުން ފޯރުކޮށްދެވޭނެއެވެ. މީގެ މައިގަނޑު މަގްސަދަކީ މަދަނީ ވައިގެ ދަތުރުފަތުރުގެ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް، އިތުބާރު ހުރި މައުލޫމާތު ފޯރުކޮށްދީ ދަތުރުތަކުގެ ރައްކާތެރިކަން ދެމެހެއްޓުމެވެ.
މެޓް އޮފީހުން ފާހަގަކުރި ގޮތުގައި، މިއަދު ފެށި މަސައްކަތަކީ އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބޭނުންވާ މޫސުމީ އޮބްޒަވޭޝަންތައް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އަދި ކުރިއަށް އޮތް ތަނުގައި "ސިސްޓަމެޓިކް އޮބްޒަވޭޝަން ފައިނޭންސިން ފެސިލިޓީ" (އެސްއޯއެފްއެފް) މަޝްރޫއުގެ ދަށުން މި ނިޒާމު އިތުރަށް ތަރައްގީކޮށް ފުރިހަމަކުރުމަށް ވެސް ވަނީ ރޭވިފައެވެ.
އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 60 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީކުރި މާފަރު އެއާޕޯޓަކީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހުޅުވި އެއާޕޯޓެކެވެ. މި އެއާޕޯޓުގައި ބައިނަލްއަގުވާމީ ދަތުރުތައް ފަށާފައިވަނީ 1 ޖުލައި 2020 ގައެވެ. މިހާރު މި އެއާޕޯޓު ހިންގަމުންދަނީ އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ފަރާތުންނެވެ.


