ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު ހުސައިން ޝަހީދު މިއަދު އިންތިހާބުކޮށްފިއެވެ. މިކަން އެ ކޮމިޝަނުން މިހާރު ވަނީ ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ.
ފަނޑިޔާރު ހުސައިން ޝަހީދަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީ ތަމްސީލުކުރެއްވުމަށް އެ ކޯޓުން ކަނޑައަޅުއްވާފައިވާ މެންބަރެވެ. ޝަރީއަތާއި ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ ޝަހީދަކީ މިސްރުގެ އަލްއަޒުހަރު ޔުނިވަސިޓީ އާއި ކުއްލިޔަތުލް ދިރާސާތިލް އިސްލާމިއްޔާއިން ބެޗްލާސް ޑިގްރީ ހާސިލްކުރެއްވުމަށްފަހު، އިސްލާމީ ޔުނިވަސިޓީން މާސްޓާ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.
ޝަރުއީ ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ޝަހީދު ވަނީ މީގެ ކުރިން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމާއި، އައްޑޫ ސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން ވެސް ކުރައްވާފައެވެ. އޭނާ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެވުނީ 24 ޖުލައި 2018 ގައެވެ.
މީގެ އިތުރުން، ފަނޑިޔާރު ޝަހީދު ވަނީ 26 އޮކްޓޫބަރު 2023 އިން ފެށިގެން ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުވެސް ފުރުއްވާފައެވެ. ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމަށް އޭނާ މި އިންތިހާބު ކުރެވުނީ އެ ކޮމިޝަނުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައެވެ.


