އިންސްޓަގްރާމްގެ އޭއައި ސަޕޯޓް ޓޫލް މެދުވެރިކޮށް އެކައުންޓްތައް ހެކްކުރި މައްސަލައެއް ފެންމަތިވެއްޖެ
އިންސްޓަގްރާމްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސަޕޯޓް ޓޫލްއަށް އޮޅުވާލައިގެން، އެހެން މީހުންގެ އެކައުންޓްތަކަށް ވަދެވޭ ގޮތަށް ހުރި ސީރިއަސް މައްސަލައެއް ހައްލުކޮށްފައިވާ ކަމަށް މެޓާ އިން ހާމަކޮށްފިއެވެ. މި މައްސަލައިގެ ސަބަބުން ހެކަރުން ވަނީ ބައެއް މަޝްހޫރު ފަރާތްތަކުގެ އެކައުންޓްތަކަށް ވަދެ، އެ އެކައުންޓްތަކުގެ ކޮންޓްރޯލް ހޯދާފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކާއި ސްކްރީންޝޮޓްތަކުން އެނގޭ ގޮތުގައި، ހެކަރުން ވަނީ ވީޕީއެން (VPN) ބޭނުންކޮށްގެން އެކައުންޓްގެ ވެރިފަރާތް ހުރި ސަރަހައްދުގައި ތިބިކަމަށް ދައްކައި، އޭއައި ޗެޓްބޮޓް މެދުވެރިކޮށް އެކައުންޓާ ގުޅިފައިވާ އީމެއިލް ބަދަލުކޮށްފައެވެ. އީމެއިލް ބަދަލުކުރުމަށްފަހު، އާ އީމެއިލް މެދުވެރިކޮށް ޕާސްވޯޑް ރިސެޓްކޮށްގެން އެކައުންޓްތައް ވަނީ ހައިޖެކް ކޮށްފައެވެ.
މި ހަމަލާގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވައިޓް ހައުސް އެކައުންޓް ވެސް ހެކްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނުވަ އަހަރު ވަންދެން ހަރަކާތްތެރިނުވެ އޮތް އެ އެކައުންޓުން ވަނީ އީރާނަށް ތާއީދުކުރާ މެސެޖުތަކާއި ފޮޓޯތައް އާންމުކޮށްފައެވެ. މީގެ އިތުރުން ސެކިއުރިޓީ ރިސާޗަރުންނާއި ބައެއް ބޮޑެތި ކުންފުނިތަކުގެ އެކައުންޓްތަކަށް ވެސް މި މައްސަލައިގެ އަސަރު ވަނީ ކޮށްފައެވެ.
މެޓާގެ ތަރުޖަމާނު އެންޑީ ސްޓޯން އެކްސް (X) ގައި ވިދާޅުވީ "މި މައްސަލަ މިހާރު ވަނީ ހައްލުކުރެވިފައި، އަދި އަސަރުކުރި އެކައުންޓްތަކުގެ ސަލާމަތީ ކަންކަން މިދަނީ ވަރުގަދަ ކުރަމުން" ކަމަށެވެ. ނަމަވެސް ދުނިޔޭގެ ލީޑަރުންގެ އެކައުންޓްތައް ހެކްކުރި ކަމަށް ދެކެވޭ ވާހަކަތައް އޭނާ ވަނީ ދޮގުކުރައްވާފައެވެ.
މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކުރިން މެޓާގައި ސެކިއުރިޓީ އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތްކުރި ޖޭން މަންޗުން ވޮންގް ބުނި ގޮތުގައި އޭނާގެ އެކައުންޓްގެ ޕާސްވޯޑް ވެސް ވަނީ އޭނާއަށް ނޭނގި ބަދަލުކޮށްފައެވެ. "އިންސާނެއްގެ ބައިވެރިވުމެއް ނެތި އެކައުންޓް ސެކިއުރިޓީ އޮޓޮމޭޓް ކުރުމަކީ ކިހާ ނުރައްކާތެރި ކަމެއްކަން މި ހާދިސާއިން ހާމަވެއްޖެ" ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.
މި މައްސަލަ ދިމާވެފައި މިވަނީ ކަސްޓަމަރުންގެ ބައެއް މައްސަލަތައް ހައްލުކުރުމަށް މެޓާ އިން އޭއައި ބޭނުންކުރަން ފެށިތާ ތިން މަސް ފަހުންނެވެ. މިހާރު މި ބަގް ރަނގަޅުކޮށްފައިވީ ނަމަވެސް، މިއީ އޭއައި ސިސްޓަމްތަކުގެ ސަލާމަތީ ރައްކާތެރިކަމާ މެދު އުފެދުނު ބޮޑު ސުވާލެކެވެ.


