ވިލިމާލޭގެ މާރުކޭޓު ގޮޅިތައް މިހާރު ކުއްޔަށް ހިފާފައިވާ ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ މުއްދަތު، އިތުރު ތިން މަސްދުވަހަށް ދަންމާލުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވުނު ކައުންސިލްގެ ރަސްމީ އާންމު ޖަލްސާގައެވެ.
ވިލިމާލޭ މާރުކޭޓު ގޮޅިތަކުގެ މުއްދަތު މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ހަމަވެފައިވީ ނަމަވެސް، މިދިޔަ ދައުރުގައި ކައުންސިލްގެ ޖަލްސާތަކުގެ ކޯރަމް ހަމަނުވުމުގެ ސަބަބުން ދެ މަސް ދުވަސް ވަންދެން މިކަމާމެދު ގޮތެއް ނުނިންމި ވަނީ ލަސްވެފައެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި މި މައްސަލައަށް ވަނީ ހައްލެއް ގެނެސްފައެވެ.
މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ، އާންމުކޮށް އަމަލުކުރާ އުސޫލަކީ ގަވާއިދުން ކުލި ދައްކާ ފަރާތްތަކަށް އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދިނުން ކަމަށެވެ. އެހެންނަމަވެސް، ވިލިމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ސަމާހު ވަނީ މިހާރު ގޮޅިތައް ބޭނުންކުރަމުންދާ ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ކައުންސިލަރުންގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު ނިންމާފައިވަނީ، ގޮޅިތަކުގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި އާ އުސޫލުތަކެއް އެކުލަވާލުމަށެވެ. އަދި ކުރިއަށް އޮތް ތިން މަސްދުވަހުގެ މުއްދަތަށްފަހު، އާ އުސޫލުގެ ދަށުން ގޮޅިތަކަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލުމަށް ވަނީ ފާސްކޮށްފައެވެ.
މި ނިންމުމާއެކު، ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ގޮޅިތަކަށް ކުލި ކަނޑައަޅާނެ އާ އަގުތަކާއި، ގޮޅިތައް ދޫކުރާނެ އާ ގަވާއިދުތައް ކައުންސިލުން ތައްޔާރުކުރާނެއެވެ. އަލުން ހުޅުވާލާ ފުރުސަތުގައި މިހާރު ގޮޅިތައް ގެންގުޅޭ ފަރާތްތަކުގެ ތެރެއިން ބަރާބަރަށް ކުލި ދައްކާ ފަރާތްތަކަށްވެސް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.


