ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ދިވެހި ޙައްޖާޖީން އެނބުރި ރާއްޖެ އަންނަ ދުވަސްތަކުގައި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ބާރު ބޮޑުވާނެތީ ދަތުރުވެރިން ސަމާލުވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފިއެވެ. ޙައްޖާޖީން އެނބުރި އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 5، 7، 8، އަދި 9 ވަނަ ދުވަހު ކަމަށްވާއިރު، އެ ދުވަސްތަކުގައި އެއާޕޯޓުގެ ޓްރެފިކަށާއި ޕާކިންއަށް ބާރުބޮޑުވާނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.
އެމްއޭސީއެލްއިން ބުނީ ޙައްޖާޖީން ބަލައި ގިނަ އަދަދެއްގެ ބަޔަކު އެއާޕޯޓަށް އަންނާނެތީ، އެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި އަމިއްލަ އުޅަނދުތަކުގެ ބަދަލުގައި ފެރީ ނުވަތަ އެއާޕޯޓް ބަހުގެ ޚިދުމަތް ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ. މި ދުވަސްވަރަކީ ގިނަ އަދަދެއްގެ ފަތުރުވެރިންނާއި އެހެނިހެން ދަތުރުވެރިންވެސް އެއާޕޯޓު ބޭނުންކުރާނެ ދުވަސްވަރަކަށް ވާތީ، ދަތުރުވެރިން ދުރާލާ އެއާޕޯޓަށް ދިއުމަށްވެސް އެ ކުންފުނިން ވަނީ އިރުޝާދު ދީފައެވެ.
މިއަހަރުގެ ޙައްޖާޖީން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖުމްލަ ހަތަރު ފްލައިޓެއްގައެވެ. އެއީ ސައުދިއާ އެއަރލައިންސްގެ ދެ ފްލައިޓާއި ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ދެ ފްލައިޓެވެ. އެގޮތުން ފުރަތަމަ ގްރޫޕް މި މަހުގެ 5 ވަނަ ދުވަހު މެންދުރު 14:00 ގައި އައުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ގްރޫޕް އަންނާނީ 7 ވަނަ ދުވަހުގެ ހަވީރު 17:40 ގައެވެ. ތިންވަނަ ފްލައިޓް 8 ވަނަ ދުވަހުގެ މެންދުރު 14:00 ގައި ޖައްސާއިރު، އެންމެ ފަހު ފްލައިޓް އައުމަށް ހަމަޖެހިފައިވަނީ 9 ވަނަ ދުވަހުގެ ދަންވަރު 12:00 ގައެވެ.
ރާއްޖެއަށް ކޮންމެ އަހަރަކު ލިބޭ 1000 ޙައްޖު ކޯޓާގެ ދަށުން މިއަހަރުވެސް ގިނަ އަދަދެއްގެ ދިވެހިން ވަނީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައެވެ. ޙައްޖު މިޝަނުން ވިދާޅުވި ގޮތުގައި ޙައްޖާޖީން އެނބުރި އައުމުގެ ހުރިހާ އިންތިޒާމުތަކެއް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ.


