Tuesday, 28 July 2026
ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގައި ހުރި ބަނގުރާތައް -- ފޮޓޯ: ފުލުހުން

ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި ބިޔަރު އިއްޔެ ނައްތާލައިފިއެވެ. ފުލުހުންގެ ޚިދުމަތުން ހާމަކުރެއްވި ގޮތުގައި މި ހަރަކާތުގައި ޖުމްލަ 131 ފުޅި ބަނގުރަލާއި 195 ދަޅު ބިޔަރު ވަނީ ނައްތާލާފައެވެ.

މި ތަކެއްޗަކީ 2023 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ދ. އެއަރޕޯޓުން ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީން ހިފަހައްޓާފައިވާ ތަކެއްޗެވެ. މި ތަކެތި ހިފެހެއްޓުމަށްފަހު ގަވާއިދުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ހަވާލުކޮށްފައެވެ.

ފުލުހުން ވިދާޅުވީ މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުންނެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެކަމަށްޓަކައި ހާއްސަކޮށް އެކުލަވާލާފައިވާ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.

މިފަދަ ތަކެތި ނައްތާލުމަކީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެތި ރައްކާތެރިކަމާއެކު ނައްތާލުމަށް ކުރިއަށްގެންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު ކަމެއް ކަމަށްވެސް ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *