Tuesday, 28 July 2026
އެއާ އިންޑިއާގެ ފްލައިޓެއް-- ފޮޓޯ: އެންޑީޓީވީ

ތެލުގެ އަގު އުފުލުމާ ގުޅިގެން އެއާ އިންޑިއާއިން ރާއްޖެއަށް ކުރާ ދަތުރުތައް މަދު ކުރަނީ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން، އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާ އިން ދިވެހިރާއްޖެއަށް ކުރަމުންދާ ދަތުރުތައް މަދުކުރުމަށް ނިންމައިފިއެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ނިންމުމަކީ އެއާލައިނަށް ދިމާވެފައިވާ މާލީ އަދި އޮޕަރޭޝަނަލް ދަތިތަކުން އަރައިގަތުމަށް އެޅި ފިޔަވަޅެކެވެ.

މި ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ މި ހިނގާ މޭ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަންނަ އޮގަސްޓް މަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި މަންޒިލްތަކަށް އެ އެއާލައިނުން ކުރާ ދަތުރުތައް ވެސް މަދުކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ. ޓާޓާ ގްރޫޕުގެ ދަށުން ހިންގާ އެއާ އިންޑިއާއިން ވަނީ އެ ގައުމުގެ އެތެރޭގެ އުދުހުންތަކުގެ 15 އިންސައްތަ މަދުކުރުމަށް ވެސް ނިންމާފައެވެ.

އެއާލައިންތަކަށް މިފަދަ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ މެދުއިރުމަތީގެ މަސްރަހު ގޯސްވެ، އީރާނާއި އިސްރާއީލާ ދެމެދު އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެންނެވެ. ހާއްސަކޮށް ދުނިޔޭގެ ތެލުގެ 20 އިންސައްތަ އުފުލާ ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ ބިރު ބޮޑުވުމާއެކު، ދުނިޔޭގެ ފަސްވަނައަށް އެންމެ ބޮޑު ވައިގެ ދަތުރުފަތުރުގެ ބާޒާރު ކަމަށްވާ އިންޑިއާގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

މީގެ އިތުރުން ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމުގެ ސަބަބުން ދަތުރުތަކުގެ ވަގުތު އިތުރުވެ، އޮޕަރޭޝަނަލް ހަރަދުތައް ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މި ހާލަތާ ގުޅިގެން އެއާލައިންތަކުން ވަނީ ހަރަދުތައް ކުޑަކުރުމަށް ތަފާތު ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެއާ އިންޑިއާއިން ރާއްޖެއަށް ކުރާ ދަތުރުތައް މަދުކުރުމަކީ މި މަސައްކަތުގެ ބައެއް ކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *