Tuesday, 28 July 2026
މާލެޓެކްސީގެ ކާރެއް---ފޮޓޯ: އެމްޓީސީސީ

"މާލެ ޓެކްސީ' މޯބައިލް އެޕްލިކޭޝަން ރަސްމީކޮށް އިފްތިތާހުކޮށް، ބޭނުންކުރަން ފަށައިފި

މާލޭގައި ޓެކްސީގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ މަގުސަދުގައި ތައްޔާރުކުރި "މާލެ ޓެކްސީ" މޯބައިލް އެޕްލިކޭޝަން ރަސްމީކޮށް އިފްތިތާހުކޮށް، ބޭނުންކުރަން ފަށައިފިއެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި، މި އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ޓެކްސީ ހޯދުމުގެ އިތުރުން، ދުރާލާ ދަތުރުތައް ރޭވުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. އެގޮތުން ދަތުރު ފެށުމުގެ މަދުވެގެން ތިން ގަޑިއިރު ކުރިން ބުކިން ހެދުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ފައިސާ ދެއްކުމުގައިވެސް މި އެޕްލިކޭޝަންގެ ސަބަބުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. އެޕްލިކޭޝަންގައިވާ ޑިޖިޓަލް ވޮލެޓާއި، ބޭންކް ކާޑު އަދި ކިއުއާރު ކޯޑު ސްކޭންކޮށްގެން ފައިސާ ދެއްކޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، ކަސްޓަމަރުން ކޮށްފައިވާ ދަތުރުތަކުގެ ތަފްސީލާއި ތާވަލުކޮށްފައިވާ ދަތުރުތައް އެޕްލިކޭޝަނުން ފެންނަން ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ދަތުރުވެރިންގެ ރައްކާތެރިކަމަށްޓަކައި ކުއްލި ހާލަތްތަކުގައި ބޭނުންކުރެވޭނެ "އިމަޖެންސީ ފީޗަރ" އެއްވެސް މި އެޕްގައި ހިމަނާފައިވެއެވެ. މީގެ އިތުރުން ޑްރައިވަރާ މުއާމަލާތް ކުރުމުގެ ފުރުސަތާއި، ޓެކްސީ ތެރޭގައި އެއްޗެއް ބޭއްވިއްޖެ ނަމަ އެކަން ރިޕޯޓް ކުރެވޭނެ އިންތިޒާމުވެސް ވަނީ ގާއިމުކޮށްފައެވެ.

މާލެ ސަރަހައްދުގެ ޓެކްސީގެ ދަތިކަމަށް ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ފެށި މި ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިދިޔަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެޕްލިކޭޝަންގެ އިތުރުން، ކުރިއެކޭވެސް އެއްފަދައިން ވެބްސައިޓް މެދުވެރިކޮށް ނުވަތަ 1655 ނަންބަރަށް ގުޅައިގެންވެސް ޓެކްސީ ބުކް ކުރުމުގެ ފުރުސަތު އާންމުންނަށް އޮންނާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *