Tuesday, 28 July 2026
މަސްވެރިން މަސް ބޭނުމުގައި.... ފޮޓޯ: ސަން

މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭ ސަރަހައްދުތަކުގެ ތެރެއަށް ދ މީދޫ އިތުރު ކޮށްފި

މަސްވެރިންނަށް ޚާއްސަ ލުއި އަގެއްގައި ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމުގެ ދަށުން، ދ. މީދޫއިން ވެސް މިހާރު އެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މިއީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާ ދަނޑިވަޅެއްގައި މަސްވެރިންނަށް ކުރިމަތިވާ މާލީ ބުރަ ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ނިންމެވި ނިންމުމެކެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ކުރި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން މަސްވެރިކަމުގެ ސިނާއަތަށް ލޮޅުން ނާންނާނެ ގޮތަށް ކަންކަން ތަރުތީބުކުރުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ. މިގޮތުން ކުރިން ހަތަރު ސަރަހައްދަކުން ލިބެމުންދިޔަ މި ޚިދުމަތް މިހާރު ވަނީ އިތުރު 10 ސަރަހައްދަކަށް ފުޅާކޮށްފައެވެ. މީދޫއާއެކު މިހާރު ދ. އަތޮޅުގެ ދެ ރަށަކުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެއެވެ.

ތެޔޮ ދޫކުރާ މިންގަނޑުތައް

މިފްކޯ މެދުވެރިކޮށް މަސްވެރި އުޅަނދުފަހަރަށް ތެޔޮ ދޫކުރުމުގައި ބަލަނީ އުޅަނދުގެ ބޮޑުމިނަށެވެ. އެގޮތުން

  •  85 ފޫޓުން މަތީގެ އުޅަނދުތަކަށް 5000 ލީޓަރު،
  • 50 ފޫޓާއި 85 ފޫޓާ ދެމެދުގެ އުޅަނދުތަކަށް 3000 ލީޓަރު
  • 50 ފޫޓުން ދަށުގެ އުޅަނދުތަކަށް 1500 ލީޓަރު ތެޔޮ ދޫކުރަމުންދާ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.

މިހާތަނަށް މި ސްކީމުގެ ދަށުން 2.5 މިލިޔަނަށްވުރެ ގިނަ ލީޓަރުގެ ތެޔޮ މަސްވެރިންނަށް ވަނީ ދޫކޮށްފައެވެ. މި ވަގުތު މި ޚިދުމަތް ގާއިމުވެފައި ނެތީ ހަމައެކަނި ރ. އަތޮޅާއި ތ. އަތޮޅުގައެވެ. ނަމަވެސް ހއ. އިހަވަންދޫ އިން ފެށިގެން ސ. ހުޅުމީދޫ އާ ހަމައަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރު ވަނީ މި އިންތިޒާމު ހަމަޖެހިފައެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މިގޮތަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ މަގު ފަހިވުމުން މަސްވެރިކަމުގެ އޮޕަރޭޝަނަލް ޚަރަދުތައް ބޮޑުތަނުން ކުޑަވެގެންދާނެއެވެ. މީގެ ސަބަބުން މަސްވެރި އާއިލާތަކަށް އިޤްތިޞާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބި، ސިނާއަތުގެ ދެމެހެއްޓެނިވިކަން ކަށަވަރުވެގެންދާނެ ކަމަށް އެ ވުޒާރާއިން ދެކެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *