ޚަރަދުތައް ކުޑަވުމާ ގުޅިގެން ބަޖެޓުގެ ޑެފިސިޓް ވެސް ވަނީ އަންދާޒާ ކުރި ވަރަށް ވުރެ ބޮޑުތަނުން ކުޑަވެފައެވެ. 9.4 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށް ލަފާކުރި ޑެފިސިޓް، އަހަރު ނިމުނުއިރު ވަނީ 4.4 ބިލިއަން ރުފިޔާއަށް ތިރިވެފައެވެ. މިއީ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 3.6 އިންސައްތައެވެ. މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ ފާއިތުވި ހަ އަހަރުގެ ތެރޭގައި ބަޖެޓް ޑެފިސިޓް މިހާ ބޮޑަށް ދަށްވި ފުރަތަމަ ފަހަރެވެ.
މާލީ ވުޒާރާއިން ވިދާޅުވި ގޮތުގައި ޚަރަދުތައް މިހާ ބޮޑަށް ކޮންޓްރޯލް ކުރެވުނީ ބަޖެޓް ތަންފީޒުކުރުމުގައި ގެންގުޅުނު ހަރުދަނާ އުސޫލުތަކާއި، އިސްރާފު ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުންނެވެ. ޚާއްޞަކޮށް މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުން 1.5 ބިލިއަން ރުފިޔާ އަދި ދަރަނީގެ އިންޓްރެސްޓް ޚަރަދުން 800 މިލިއަން ރުފިޔާ ވަނީ ކުޑަކުރެވިފައެވެ. މި ބަދަލުތަކާއެކުވެސް އާންމު ޚިދުމަތްތަކާއި އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމަށް އެއްވެސް ބުރޫއެއް އަރާފައި ނުވާކަން އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
ދައުލަތަށް ލިބުނު އާމްދަނީއަށް ބަލާއިރު، މިދިޔަ އަހަރަކީ 2019 ވަނަ އަހަރުގެ ފަހުން އެންމެ ގިނައިން އާމްދަނީ ލިބުނު އަހަރެވެ. އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ އަންދާޒާ ކުރި ވަރަށް ވުރެ 74.4 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމާ ގުޅޭ ފީތަކާއި، ރިސޯޓު ކުލީގެ އިތުރުން ވޯކް ޕާމިޓް ފީ ހޯދުމަށް ގަވާއިދުތައް ތަންފީޒުކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކެވެ.


