ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑްރިންގ ކުށުގެ ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ކުރިއަށްގެންދިޔަ ތަޙުގީގަކަށްފަހު ފޮނުވާފައިވާ މައްސަލައެކެވެ.
އޭސީސީން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވެ، އެ ފައިސާ އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ބޭންކް އެކައުންޓުތަކަށް ޖަމާކޮށްފައިވާ މައްސަލައެކެވެ. ތަޙުޤީޤަށް ހާމަވެފައިވާ ގޮތުގައި، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު މެދުވެރިވެގެން، އެސް.އޯ.އެފް އިން ބައްސާމުގެ އެކައުންޓަށް 29,000 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވެއެވެ.
މި ފައިސާ ބައްސާމު ޢަދީލް ޖަލީލްގެ އަމިއްލަ ބޭނުންތަކަށް ޚަރަދުކޮށްފައިވާކަން ތަޙުޤީޤަށް ފާހަގަވެފައިވާ ކަމަށް އޭސީސީން ވިދާޅުވެއެވެ. މީގެ އިތުރުން، އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށްދިނުމާ ގުޅޭ ބައެއް އެއްބަސްވުންތަކުގައި ބައްސާމު ހެއްކެއްގެ ގޮތުގައި ސޮއިކޮށްފައިވާކަންވެސް ވަނީ ހާމަވެފައެވެ.
ބައްސާމުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވަނީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމްއަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުންނެވެ. މިއީ އެފްއޭއެމްގެ ތެރޭގައި ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ މައްސަލަތަކުގެ ތެރެއިން ތަޙުޤީޤު ނިންމައި ދަޢުވާކުރަން ފޮނުވި މައްސަލައެކެވެ.


