Tuesday, 28 July 2026
ނެދަލެންޑްސް ފުލުހުން، ފަލަސްތީނުގެ މާބަނޑު އަންހެނަކަށް އަނިޔާކުރަނި --ފޮޓޯ:ވިއޮން

ނެދަލެންޑްސް ފުލުހުން، ފަލަސްތީނުގެ މާބަނޑު އަންހެނަކަށް އަނިޔާކުރި މައްސަލައެއް ހޫނުވެއްޖެ

ނެދަލެންޑްސްގެ ފުލުހުންގެ އޮފިސަރަކު، ފަލަސްތީނުގެ ދުވަސްފުރިފައިވާ މާބަނޑު އަންހެނަކު ބިމަށް ވައްޓާލައި އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާ ގުޅިގެން، އެ ގައުމުގެ ފުލުހުން އެ މައްސަލަ ބަލަން ފަށައިފިއެވެ. މި އަނިޔާވެރި ލާއިންސާނީ އަދި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ 19 މޭ 2026 ގައި ޒައިސްޓް ސިޓީގައި ހުންނަ ރެފިއުޖީން ބައިތިއްބާ މަރުކަޒެއްގައެވެ. މި ހާދިސާގެ ފުޓޭޖް ސޯޝަލް މީޑިއާގައި ދައުރުވާން ފެށީ މިމަހުގެ 29 ވަނަ ދުވަހުއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ، އެ އަންހެންމީހާގެ ފިރިމީހާގެ ކޮއްކޮ ގާޒާގައި ޝަހީދުވި ޚަބަރު ލިބުމުން، އޭނާއަށް ލިބުނު ފުން ހިތާމައިގެ ސަބަބުން ކޮންޓްރޯލުން ނެއްޓި، އެތަނުގައި ހުރި ޓީވީއަކަށް ގެއްލުން ދިނުމުންނެވެ. އެ މަރުކަޒުގެ މުވައްޒަފުން ފުލުހުންނަށް ރިޕޯޓްކުރުމުން، ފުލުހުން އެތަނަށް ދިޔައީ ވަޅިން ބިރުދައްކާ ކަމުގެ މައުލޫމާތު ލިބިގެން ކަމަށް ބުނެފައިވެއެވެ.

އުމުރުން 30 އަހަރުގެ އެ އަންހެންމީހާ ބުނި ގޮތުގައި، އޭނާ ފުލުހުންގެ ކައިރިއަށް ދިޔައީ އޭނާގެ ފިރިމީހާ ހައްޔަރުކޮށްގެން ގެންދާއިރު އެކުގައި ދެވިދާނެތޯ އާދޭސްކުރުމަށެވެ. އެހެންނަމަވެސް، ވީޑިއޯއިން ފެންނަ ގޮތުގައި ކުއްތާއެއް ގޮވައިގެން ހުރި އޮފިސަރަކު ވަރަށް ރަހުމްކުޑަ ގޮތަކަށް އޭނާ ކޮއްޕާލައި ބިމަށް ވައްޓާލައެވެ. އަދި އޭނާގެ ފިރިމީހާ ބިޑިއަޅުވައިގެން ގެންދިޔައިރު، ބިންމަތީގައި އޮތް އަންހެންމީހާ ދަމާފައި ގެންދާ މަންޒަރުވެސް ފެނެއެވެ.

މި ހާދިސާގެ ސަބަބުން ލިބުނު އަނިޔާތަކާ ގުޅިގެން އެ އަންހެންމީހާ ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނު އިރު، ފަސް ދުވަސް ފަހުން އޭނާ ވަނީ ދުވަސް ނުފުރާ ވިހާފައެވެ. އޭނާ ބުނި ގޮތުގައި ދަރިފުޅު އުފަންވީ މާ އަވަހަށް ކަމަށްވާތީ، ކުއްޖާގެ ސިއްހީ ހާލަތު ބެލުމަށް މެޑިކަލް ޓީމެއްގެ އެހީތެރިކަން އަބަދުވެސް ބޭނުންވެއެވެ. ނެދަލެންޑްސްގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ފުލުހުން ބާރުގެ ބޭނުންކުރީ އުސޫލުތަކާ އެއްގޮތަށްތޯ ބެލުމަށް އެތެރޭގެ ތަހުގީގެއް ހިންގަމުންނެވެ.

މި ވީޑިއޯ އާންމުވުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބައެއްގެ ފާޑުކިޔުންތަކާއި ނުރުހުން ވަނީ އަމާޒުވެފައެވެ.

"ނެދަލެންޑްސްގެ ރަހުމަތްތެރިންނޭވެ. ތިޔަބައިމީހުން މިކަމަށް ކެތްކޮށްފިނަމަ، ދެން މިކަން ކުރިމަތިވާނީ ތިޔަބައިމީހުންގެ ދަރިންނަށް.” އދ. ގެ ސްޕެޝަލް ރެޕަޓުއާ ފްރަންޗެސްކާ އަލްބަނީޒް އެކަން ކުށްވެރިކުރައްވަމުން ވިދާޅުވިއެވެ. ކަމަށެވެ.

ނެދަލެންޑްސް ފުލުހުންގެ ތަރުޖަމާނަކު ނެރުނު ބަޔާނެއްގައި ބުނީ، އެ ވީޑިއޯ ފެނިފައިވާ ކަމަށާއި އާންމުންގެ ކަންބޮޑުވުންތައް ދެނެގަނެވިފައިވާ ކަމަށެވެ. "އަޅުގަނޑުމެންގެ އޮފިސަރުން އަމަލުކޮށްފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށްތޯ އާއި، އެ ހާލަތުގައި ބާރުގެ ބޭނުންކުރުމަކީ އެންމެ ރަނގަޅު ގޮތްތޯ ބެލުމަށްޓަކައި މުރާޖައާ ކުރަމުންދަނީ،" ބަޔާނުގައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *