ރާއްޖޭގައި ވޭޕް މަނާކުރުމާއި ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެއްވެސް ނޭދެވޭ އަސަރެއް ކޮށްފައިނުވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ ދުންފަތް ހުއްޓުވުމަށް މަސައްކަތްކުރުމުގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނު ވިދާޅުވީ، ވޭޕް މަނާކުރުމުގެ ނިންމުން ތަންފީޒުކުރަން ފެށި ނަމަވެސް، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ހުރީ އަންދާޒާކުރި މިންވަރަށް ވުރެ މަތީގައި ކަމަށެވެ. އަދި ބައެއް ފަރާތްތަކުން މި ފިޔަވަޅުތަކުގެ ސަބަބުން ފަތުރުވެރިކަމަށް ގެއްލުންވާނެ ކަމަށް ބުނި ނަމަވެސް، ތަފާސްހިސާބުތަކުން އެފަދަ ކަމެއް ނުފެންނަ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ގައުމީ ސަލާމަތާއި އާންމު ސިއްހަތާ ގުޅުންހުރި ކަންކަމުގައި ސަރުކާރުން ނިންމާ ނިންމުންތަކަށް ރާއްޖެއަށް އަންނަ ފަތުރުވެރިން އިހުތިރާމްކުރާ ކަމަށެވެ. "ގިނަ ފަހަރަށް މިބާވަތުގެ ކަންކަމާއި ސެކިއުރިޓީ ރިލޭޓެޑް ކަންކަން ޕާސީވްްކުރޭ ރާއްޖޭގައި މިކަންކަމުން އަންނާނީ ގޯސް އިމްޕެކްޓެއްކަމަށް ޓޫރިޒަމަށް. ނަމަވެސް އަޅުގަނޑަށް ހީވަނީ މި ޑެސްޓިނޭޝަނުގައި ކަންކަން ތަރުތީބުކުރެވިފައި ހުރި ގޮތަށް ބަލާއިރު، ރާއްޖެއަށް އަންނަ ޓޫރިސްޓުން ރެސްޕެކްޓުކުރޭ އަޅުގަނޑުމެންގެ މި ސްޓެންޑާޑްތަކަށް،" އިހުސާން ވިދާޅުވިއެވެ.
ވޭޕް މަނާކުރުމުގެ އެންމެ ބޮޑު މަގްސަދަކީ ޒުވާނުންގެ މެދުގައި ވޭޕް ބޭނުންކޮށްގެން މަސްތުވާތަކެތި ބޭނުންކުރުން އިތުރުވަމުންދާ ދިއުން ހުއްޓުވުން ކަމަށް ސަރުކާރުން ބުނެއެވެ. މި ފިޔަވަޅަކީ ޒުވާން ޖީލު މި ނުރައްކަލުން ސަލާމަތްކުރުމަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
ނިންމާލަމުން ވަޒީރު ވިދާޅުވީ، ފާއިތުވި އަހަރާއި މިއަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ފަތުރުވެރިން އަންނަ މިންވަރު ދަށަށް ގޮސްފައި ނުވާތީ، ދުންފަތާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަކީ އިގްތިސާދަށް ބުރައަކަށް ވާނެ ކަމެއް ނޫން ކަމަށާއި، އެއީ ގައުމުގެ މުސްތަގުބަލަށްޓަކައި ނިންމި ހަރުދަނާ ނިންމުމެއް ކަމަށެވެ.


