ދިވެހިން އާންމުކޮށް ވިޔަފާރިކުރާ ބޭރުގެ އީކޮމާސް ސައިޓުތަކުން ކުރާ މުއާމަލާތްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަނޑައަޅާފައިވާ ޑޮލަރު ލިމިޓަށް، މި މަހުގެ ފަހުކޮޅު ލުޔެއް ދޭނެ ކަމުގެ އިޝާރާތް އެ ބޭންކުން ދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޭންކަށް ޑޮލަރުގެ ދަތިކަން ކުރިމަތިވުމާ ގުޅިގެން ލިމިޓްތަކެއް ކަނޑައެޅި ނަމަވެސް، މި މަސް ނިމޭ ހިސާބުން "ވަރަށް ބޮޑުތަނުން" ލުޔެއް ދޭނެ ކަމުގެ އިޝާރާތެއް ބޭންކުން ދީފައިވާ ކަމަށެވެ. "އަޅުގަނޑު އިއްޔެގައި ބޭންކަށް ރައީސް އޮފީހުން މައުލޫމާތު ހޯދަން ބެލިއިރުގައި މި މަސް ނިމޭ ހިސާބުން އަނެއްކާވެސް ވަރަށް ބޮޑުތަނުން ލުއި ކޮށްދެއްވާނެ ކަމުގެ އިޝާރާތެއް ވަނީ ދެއްވާފައި،" ރައީސް ވިދާޅުވިއެވެ.
ބީއެމްއެލް ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކުމަށް އެންމެ ކުރިން ދީފައި އޮތީ 250 ޑޮލަރުގެ ލިމިޓެކެވެ. މިދިޔަ އަހަރު އެ ލިމިޓް 500 ޑޮލަރަށް ބޮޑުކުރި ނަމަވެސް، މިހާރު ވަނީ ހުރިހާ ޑެބިޓް ކާޑުތަކަށް ވަކި ލިމިޓެއް ކަނޑައަޅައިފައެވެ. މި ބަދަލާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މީގެ އިތުރުން، ރާއްޖޭން ބޭރުގައި ޕީއޯއެސް އަދި އޭޓީއެމްތަކުގައި ބޭނުންކުރެވޭ "ފޮރިން ސްޕެންޑް ލިމިޓް" މިހާރު ހަމަޖައްސާފައި ވަނީ ހަމައެކަނި ރާއްޖޭން ބޭރުގައި ތިބޭ ވަގުތަށެވެ. މި ބަދަލު ގެނައީ ރާއްޖޭގައި ތިބެ ރާއްޖޭން ބޭރަށް ދާ މީހުންނަށް ކާޑު ކުއްޔަށް ދީގެން ވިޔަފާރި ކުރާ މައްސަލަ ބޮޑުވުމާ ގުޅިގެންނެވެ.
ބޭރުގެ އީކޮމާސް ސައިޓުތައް ކަމަށްވާ ޓީމޫ، ޝީއިން، އަދި އަލިބާބާ ފަދަ ސައިޓުތަކުން ވިޔަފާރިކުރާ ނަމަ ކޮންމެ ޓްރާންސެކްޝަނަކަށް 30 ޕަސެންޓުގެ ފީއެއް ނަގަން ވެސް ބީއެމްއެލުން ކުރިން ވަނީ ނިންމާފައެވެ. ނަމަވެސް، އެއާލައިން ޓިކެޓާއި ބޭސްފަރުވާ ފަދަ ޒަރޫރީ ކަންކަމަށް 3,000 ޑޮލަރާ ހަމައަށް ލިމިޓް ދީފައިވެއެވެ.


