ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ފެކަލްޓީ އޮފް އާޓްސް އާއި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ގުޅިގެން ހާއްސަ ސެމިނާރެއް ބާއްވައިފިއެވެ. މި ރަސްމިއްޔާތަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި، އެއްބާރުލުން އަދި ހިއްސާކުރާ ތާރީހީ ގުޅުން ފާހަގަކުރުމަށް ބޭއްވުނު ހަރަކާތެކެވެ.
މި ސެމިނާރުގައި ދެ ގައުމުގެ އިސް ބޭފުޅުންނާއި، އެކަޑަމިކް ދާއިރާގެ މާހިރުުންނާއި، ދަރިވަރުންގެ އިތުރުން ޑިޕްލޮމެޓުން ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ ފާއިތުވި ހަ ދަހަރުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ބަދަހި ގުޅުން ރަމްޒުކޮށްދޭ މުހިންމު ހަރަކާތެއްގެ ގޮތުގައި ބެލެވެއެވެ.
މި ޕްރޮގްރާމުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާވެފައިވާ މުހިންމު ދާއިރާތަކާ ގުޅޭގޮތުން މައުލޫމާތު މުއްސަނދި ޕްރެޒެންޓޭޝަންތަކެއް ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ތައުލީމީ ދާއިރާ، ސިއްހީ ދާއިރާ، މޫސުމަށް އަންނަ ބަދަލުތައް، އިގްތިސާދީ ތަރައްގީ، ސަގާފީ ގުޅުންތައް އަދި އުމްރާނީ ތަރައްގީ ހިމެނެއެވެ.
ސެމިނާރު ނިންމާލާފައިވަނީ ދެ ގައުމުގެ ސަގާފީ ހަރަކާތްތަކަކުންނެވެ.


