Tuesday, 28 July 2026
އިތިއޯޕިއާގެ އާންމު އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ -- ފޮޓޯ: އޭޕީ

އިތިއޯޕިއާގެ އާންމު އިންތިޚާބުގެ ވޯޓުލުން ފަށައިފި

އިތިއޯޕިއާގެ ވެރިކަންކުރާ ޕާޓީން ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ އާންމު އިންތިޚާބުގެ ވޯޓުލުން ހޯމަ ދުވަހު ފަށައިފިއެވެ. އެފްރިކާގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވާ އިތިއޯޕިއާގެ ވެރިރަށް އައްޑިސް އަބާބާގައި ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާއިރު، ގިނަ އަދަދެއްގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ހޯމަ ދުވަހުގެ ހެނދުނު 6 ޖެހިއިރު ވޯޓުލުން ފެށުމުގެ ކުރިން ވެސް ވޯޓުލާ މަރުކަޒުތައް ކައިރީގައި ވަނީ ދިގު ކިއުތަކެއް ހަދާފައެވެ. މި އިންތިޚާބުގައި އިތިއޯޕިއާގެ ރައްޔިތުން ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ 500 އަށްވުރެ ގިނަ މެންބަރުން އިންތިޚާބު ކުރާނެއެވެ. ބޮޑުވަޒީރު އިންތިޚާބު ކުރުމުގެ ފުރުސަތު ލިބިގެންދާނީ މި މަޖިލީހުގެ މެންބަރުންނަށެވެ.

ބެލެވޭ ގޮތުގައި ބޮޑުވަޒީރު އަބީ އަހުމަދުގެ ޕްރޮސްޕެރިޓީ ޕާޓީން މަޖިލީހުގެ އަޣުލަބިއްޔަތު ހޯދައި، އޭނާއަށް ދެވަނަ ދައުރެއް ކަށަވަރުވާނެއެވެ. އިތިއޯޕިއާގެ 130 މިލިއަން މީހުންގެ އާބާދީގެ ތެރެއިން 50 މިލިއަނެއްހާ މީހުން ވަނީ ވޯޓުލުމަށް ރަޖިސްޓްރީކޮށްފައެވެ. މި އިންތިޚާބުގައި ގައުމީ މަޖިލީހުގެ އިތުރުން ލޯކަލް ގަވަރމަންޓް ކައުންސިލްތަކަށް ވެސް މެންބަރުން އިންތިޚާބު ކުރާނެއެވެ.

އިދިކޮޅު ޕާޓީތަކުން ވަނީ ސިޔާސީ ހަރަކާތްތައް ހިންގުމަށް އޮތް ފުރުސަތު ހަނިވަމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ކެމްޕޭން ކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ފަރާތްތަކުން ތުހުމަތު ކުރެއެވެ. ހިއުމަން ރައިޓްސް ޑިފެންޑަރެއް ކަމަށްވާ ނޯއާ ޔޫސުފް ބުނި ގޮތުގައި، އިންތިޚާބެއްގެ އިންސާފުވެރިކަން ވަޒަންކުރެވޭނީ އިދިކޮޅު ފަރާތްތަކަށް ހަމަހަމަ ފުރުސަތުތަކެއް އޮތުމާއި ރައްޔިތުންނަށް މިނިވަންކަމާއެކު ބައިވެރިވެވޭނެ މާހައުލެއް އޮތުމުންނެވެ.

މި އިންތިޚާބުގެ މައިގަނޑު މައުޟޫއުތަކުގެ ތެރޭގައި ތިގްރޭ، އޮރޯމިއާ އަދި އަމްހާރާ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ގައުމީ އެއްބައިވަންތަކަން ގާއިމުކުރުމާއި، ސަރުކާރުން ރާވާފައިވާ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިމެނެއެވެ. އިންތިޚާބުގެ ނަތީޖާ މިއަދުގެ ވަގުތެއްގައި އިއުލާން ކުރަން ފަށާނެ ކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *