Wednesday, 29 July 2026
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްލިކޭޝަންތައް ބޭނުން ނުކުރެވޭ ގޮތަށް މަނާކުރުމަށް ސަރުކާރުން ވިސްނަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، މި ބަދަލު ގެނައުމަށް މަދުވެގެން އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ކުރައްވާނެ ކަމަށާއި، މިއަހަރުގެ ތެރޭގައިވެސް މިކަން ކުރެވެން އޮތް ނަމަ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

މި ސިޔާސަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވީ އޮސްޓްރޭލިއާ ފަދަ ގައުމުތަކުގައި މިހާރުވެސް ތަންފީޒު ކުރަމުންދާ ފަދަ އުސޫލުތައް ރާއްޖޭގައިވެސް ގާއިމުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ނަމަވެސް މިއީ ޑިޖިޓަލައިޒޭޝަނާ ދުރުވުން ނޫން ކަމަށާއި، މި ނިންމުން ނިންމާނީ ކަމާބެހޭ ހުރިހާ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ އޭއައި ޑްރިވެން، ޑިޖިޓަލް ގައުމަކަށް ހެދުމަށް މަސައްކަތް ކުރާއިރު އިންޓަނެޓަކީ ތައުލީމު ހާސިލުކުރުމަށާއި މައުލޫމާތު ހޯދުމަށް މުހިންމު ވަސީލަތެއް ކަމަށެވެ.

"އެފަދަ ކަންކަން ކުރުމަށް އެއްވެސް ހުރަހެއް ނާންނަ ގޮތަށް، އެހެންނަމަވެސް ހާމްފުލް ކޮންޓެންޓް، އަދި ސައިބަރ އެޓޭކް ފަދަ ކަންކަމުން ތުއްތު ކުދިން ސަލާމަތް ކުރަން ބޭނުން" ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ ތެރޭގައި މި މަސައްކަތުގެ ނަތީޖާ ފެންނާނެ ކަމަށް އުންމީދު ކުރައްވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ކުރެވޭ ހުރިހާ ކަމެއްވެސް ކުރިއަށްދާނީ ގައުމުގެ ގާނޫނުއަސާސީއާއި އިސްލާމްދީނުގެ އިންތަކާއި މިންތަކުގެ ތެރެއިން ކަމަށެވެ. މި ފިޔަވަޅަކީ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *