ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމަށް، ވެރިކަންކުރާ ޕީއެންސީގެ ފަރާތުން އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް މިއަދު އިންތިޚާބުކޮށްފިއެވެ. ސަލީމް މި މަޤާމަށް އިންތިޚާބުކުރީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެގި ސިއްރު ވޯޓަކުންނެވެ. މި މަޤާމަށް ސަލީމްގެ އިތުރުން އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރެއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދެވެ.
މިއަދު ބޭއްވި ވޯޓުގައި އަޙްމަދު ސަލީމަށް 62 މެންބަރުންގެ ތާއީދު ލިބިވަޑައިގެންނެވިއިރު، ޙުސައިން ޒިޔާދަށް ލިބިވަޑައިގަތީ 10 ވޯޓެވެ. އަދި ދެ ވޯޓެއް ބާތިލުވެފައިވާކަން މަޖިލީހުގެ ރިޔާސަތުން ވަނީ އިޢުލާނުކުރައްވާފައެވެ. ވޯޓުގެ ކަންކަން ބެލެހެއްޓުމަށްޓަކައި މަޖިލީހުގެ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އެކުލަވާލާފައިވާއިރު، އޭގެ ތެރޭގައި ހުސްނީ މުބާރިކް، އަޙްމަދު ޒަމީރު، ޑރ. އަނާރާ ނައީމް، އިބްރާހީމް ނާޒިލް އަދި ޢަބްދުލްޙަންނާން ހިމެނިވަޑައިގަންނަވައެވެ.
ސަލީމް އިންތިޚާބުވުމާ ގުޅިގެން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ އޭނާއަށް މަރުޙަބާ ދަންނަވާފައެވެ. ޢަބްދުއްރަޙީމް ވިދާޅުވީ ސަލީމަކީ މަޖިލީހުގެ ތަޖުރިބާ ވަރަށް މުއްސަނދި ބޭފުޅެއް ކަމަށެވެ.
"އަޅުގަނޑު ޔަގީންކުރަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ރައްޔިތުންގެ މަޖިލީހުގެ ތަޖުރިބާގެ އަލީގައި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްކަމުގެ މަގާމުގައި ހުންނަވައިގެން މި މަޖިލީހަށާއި ދިވެހި ގައުމަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާނެ ކަމަށް" ޢަބްދުއްރަޙީމް އިތުރަށް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމު ހުސްވީ، އެ މަޤާމުގައި ކުރިން ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އިއްޔެ މަޤާމުން އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. ނާޒިމް އިސްތިޢުފާ ދެއްވީ އޭނާ މަޤާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައި، އެކަމަށް ވޯޓަށް އެހުމަށް ތައްޔާރުވެފައި ވަނިކޮށެވެ.


