ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރަމުންދާއިރު، މިއަދާއި މާދަމާގެ ޖީލުތައް ދުންފަތުގެ ނުރައްކަލުން ރައްކާތެރިކުރުމަކީ އެންމެ އިސް އަމާޒަށް ހަދަންޖެހޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ. ކޮންމެ އަހަރެއްގެ މެއި މަހުގެ 31 ވަނަ ދުވަހު ފާހަގަކުރާ މި ދުވަހުގެ މިއަހަރުގެ ޝިއާރަކީ "އޮޅުވާލުންތައް ހާމަކޮށްދީ ދުންފަތާއި ނިކޮޓިން އިން ރައްކާތެރި ކުރުން" މިއެވެ.
މި ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ދުންފަތާއި ނިކޮޓިން އުފައްދާ ސިނާއަތްތަކުން، އެމީހުންގެ އުފެއްދުންތަކުގެ ސިފަ ބަދަލުކޮށްގެން ކުޑަކުދިންނާއި ޒުވާނުން މި ނުރައްކާތެރި އާދައިގެ ތެރެއަށް ވެއްދުމަށް ކުރާ މަސައްކަތްތައް ދުނިޔެއަށް ހާމަކޮށްދިނުމެވެ. އަދި ދުންފަތް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުން ރެކުމަށް އެ ސިނާއަތްތަކުން ގެންގުޅޭ އުކުޅުތަކަށް އާންމުން ހޭލުންތެރިކުރުވުމަކީވެސް މީގެ މުހިންމު ބައެކެވެ.
ވޭތުވެދިޔަ ދިހަ އަހަރު ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް ގިނަ ކުރިއެރުންތަކެއް ލިބިފައިވީ ނަމަވެސް، އީ-ސިނގިރޭޓާއި ނިކޮޓިން ޕައުޗް ފަދަ އާ އުފެއްދުންތަކުގެ ސަބަބުން އާންމު ސިއްހަތަށް އޮތް ބިރުވެރިކަން ވަނީ އިތުރުވެފައެވެ. އެޗްޕީއޭއިން ފާހަގަކުރެއްވި ގޮތުގައި، މިފަދަ "އީޖާދީ" އުފެއްދުންތަކުގެ ސަބަބުން މިހާތަނަށް ހޯދިފައިވާ ކާމިޔާބީތައް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތެވެ.
ދުނިޔޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، އުމުރުން 13 އަހަރާއި 15 އަހަރާ ދެމެދުގެ ގާތްގަނޑަކަށް 40 މިލިއަން ކުދިން ދުންފަތުގެ އެކި ބާވަތްތައް ބޭނުންކުރެއެވެ. މީގެ ތެރެއިން 15 މިލިއަނަށްވުރެ ގިނަ ކުދިން ވޭޕް ނުވަތަ އީ-ސިނގިރޭޓް ބޭނުންކުރާއިރު، ބޮޑެތި މީހުންނަށްވުރެ ކުޑަކުދިން ވޭޕްކުރުމުގެ ފުރުސަތު 9 އިންސައްތަ އިތުރުކަން ފާހަގަކުރެވެއެވެ.
ރާއްޖޭގައި ވޭޕްގެ އާލާތްތައް ގާނޫނީގޮތުން މަނާކޮށްފައިވީ ނަމަވެސް، ސިއްރުން އެތެރެކުރާ ތަކެތި ހޯދައި ނައްތާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ. އެ އެޖެންސީގެ އަމާޒަކީ ސަރުކާރާއި މަދަނީ ޖަމިއްޔާތައް ގުޅިގެން، ދުންފަތުގެ ސިނާއަތުގެ އޮޅުވާލުންތަކުން މުޖުތަމައު ސަލާމަތްކޮށް، ދުންފަތާއި ނިކޮޓިންއާ ނުލައި އުޅޭނެ މުސްތަގުބަލެއް ބިނާކުރުމެވެ.
"އަދާއި މާދަމާގެ ޖީލު ދުންފަތުގެ ވަބާއިން ރައްކާތެރިކުރުމަކީ އަޅުގަނޑުމެން އެންމެންގެ އަމާޒަކަށް ހަދަންޖެހޭ،" އެޗްޕީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.


