ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ހިންގާފައިވާ ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކުރުމުގައި އިސްދައުރެއް އަދާކުރި އޮފިސަރުންގެ އަގުވަޒަންކޮށް، އެ ފަރާތްތަކަށް ހަނދާނީ ލިޔުން ދީފިއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު އިސްކަންދަރު ބިލްޑިންގގައެވެ.
ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ޝަރަފް ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި، ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކޮށް ކާމިޔާބުކަމާއިއެކު ނިންމުމުގައި އަމަލީގޮތުން ބައިވެރިވި ފުލުހުންނާއި، ތަހުގީގުކުރުމަށް އެކިގޮތްގޮތުން އެހީތެރިވެދީފައިވާ ފުލުހުންގެ މަސައްކަތް ބަލައިގަނެ ހަނދާނީ ލިޔުން ހަވާލުކޮށްފައިވެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޖުމްލަ 117 އޮފިސަރަކަށް ހަނދާނީ ލިޔުން ދީފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ޑިޕާޓްމަންޓްތަކުގައި ތަހުގީގުކޮށްފައިވާ ބޮޑެތި މައްސަލަތަކުގައި ބައިވެރިވެފައިވާ އޮފިސަރުންނެވެ. މީގެ ތެރޭގައި މިހާރު އެހެނިހެން ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ އޮފިސަރުން ވެސް ހިމެނޭކަން ފާހަގަކުރެވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ އަހްމަދު ވިދާޅުވީ، "ތަހުގީގުތައް ކުރިއަށް ގެންދިއުމުގައި އޮފިސަރުން ބެހެއްޓެވި ސާބިތުކަމާއި، ދެއްކެވި ހުނަރުވެރިކަމުގެ އިތުރުން މަސައްކަތަށް ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރެވޭ" ކަމަށެވެ. އަދި ކާމިޔާބު ތަހުގީގެއް ފުރިހަމަ ކުރުމަށްޓަކައި ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމާއި، ކުދިކުދި ތަފްސީލުތަކަށް ސަމާލުކަންދިނުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އިންސާފު ގާއިމުކުރުމުގައާއި މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އިންވެސްޓިގޭޝަން އޮފިސަރުން އަދާކުރައްވާ ދައުރަކީ ފުލުހުންގެ ޚިދުމަތަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކޮންމެހެން ބޭނުންތެރި މަސައްކަތެއްކަމަށް ސީޕީ ވިދާޅުވިއެވެ. ސީޕީ އިތުރަށް ވިދާޅުވީ، މިފަހަރު ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ މަސައްކަތްތަކަށް ބަލާފައިވީ ނަމަވެސް، ކުރިއަށް އޮތްތަނުގައި މުއައްސަސާގެ އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭފަދަ ހިދުމަތްތައް ކުރައްވާ އޮފިސަރުންގެ އަގުވަޒަންކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށެވެ.


