Wednesday, 29 July 2026
މި ދުވަސްވަރު ކުރަމުންދާ ބޯ ވިއްސާރައިގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ އިތުރުން ގދ. މަޑަވެލީގެ މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ -- ފޮޓޯ: އައްޑޫ ލައިވް

އައްޑޫއަށް ކުރަމުންދާ ވިއްސާރައިގައި ދެ ގެއެއްގެ ފުރާޅު އެއްލާލައިފި

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، އައްޑޫ ސިޓީ ހިތަދޫގެ ދެ ގެއެއްގެ ފުރާޅު ގަދަ ވަޔާއެކު އެއްލާލައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، ގަދަ ވަޔާއެކު ފުރާޅު އެއްލާލާފައިވަނީ ހިތަދޫގައި ހުންނަ ހުޅުދުއާގެ އާއި އޯކަމްވިލާ ގޭގެއެވެ. މި ދެ ގޭގެ ފުރާޅަށް ލިބުނު ގެއްލުންތަކާ ގުޅިގެން، ސިފައިން ވަނީ އެ ގޭގޭގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، އިތުރު ގެއްލުންތަކުން ސަލާމަތްކުރުމަށް މަސައްކަތް ކޮށްފައެވެ.

މީގެ އިތުރުން، މި ދުވަސްވަރު ކުރަމުންދާ ބޯ ވިއްސާރައިގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ އިތުރުން ގދ. މަޑަވެލީގެ މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. މި ރަށްރަށުގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތުގައި ވެސް އެމްއެންޑީއެފްގެ ސިފައިން ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ.

މޫސުން ގޯސްވެ، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރަމުންދާތީ، އާންމު ރައްޔިތުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. ވަކިން ހާއްސަކޮށް، ގަދަ ވަޔާއެކު ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިރުޝާދު ދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *