ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވަކިކުރުމަށް މިއަދު ހެނދުނު 9:00 އަށް ޖަލްސާއެއް އެޖެންޑާކޮށްފައި ވަނިކޮށް، އެ މަގާމުން އޭނާ އިސްތިއުފާ ދެއްވައިފިއެވެ. ނާޒިމް އިސްތިއުފާ ދެއްވިކަން ހާމަކޮށް ބަޔާން ނެރުއްވީ މިއަދު ހެނދުނު 8:36 ގައެވެ. މަޖިލީހުގެ ދައުރު ދަންމާލާފައިވަނީ ވެސް ވެރިކަންކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީން ނާޒިމް ވަކިކުރުމަށް ހުށަހެޅި ގަރާރާމެދު ގޮތެއް ނިންމުމަށެވެ.
ނާޒިމްގެ މައްޗަށް ޕީއެންސީން ތުހުމަތުކޮށްފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމާއި، ފިތުނަ އުފައްދައި މަޖިލީހުގެ މަސްލަހަތު ނަގާލަން މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް، އިސްތިއުފާގެ ބަޔާނުގައި ނާޒިމް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައި، އެއީ އެއްވެސް ހެއްކެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މަގާމުން ވަކިވާން ނިންމެވީ މެޖޯރިޓީގެ ނިންމުމަށް އިޖާބަދިނުމުގެ ގޮތުންނާއި ޑިމޮކްރެޓިކް ހަމަތަކަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށެވެ.
މި މައްސަލައިގެ ފަހަތުގައި ސިޔާސީ ބޮޑެތި ކަންތައްތަކެއް ހިނގަމުންދާ ކަމަށް ބެލެވޭއިރު، ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ނާޒިމާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އެގޮތުން ޕީއެންސީގެ ވަޓްސްއެޕް ގްރޫޕުން ނާޒިމް ބޭރުކޮށްފައިވާކަން ފާހަގަކުރެވެއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރެއްވި ގޮތުގައި، ނާޒިމް ވަކިކުރަން އުޅެނީ އޭނާއާއެކު ޕީއެންސީގެ ބައެއް މެންބަރުން ޕާޓީ ބަދަލުކޮށް، ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން އުޅޭ ކަމަށް ސަރުކާރަށް ޝައްކު ކުރެވޭތީއެވެ.
ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވި ނަމަވެސް، ދިއްގަރު ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ނާޒިމް ވަނީ ދެއްވާފައެވެ. އަދި ގާނޫނުގެ ވެރިކަން ނަގަހައްޓައި، ދައުލަތަށް ތެދުވެރިކަމާއެކު މަސައްކަތް ކުރައްވާނެ ކަމަށްވެސް އޭނާގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. މި މައްސަލައާ ގުޅިގެން ސަރުކާރުން ވަނީ ނަޝީދު ކުރެއްވި ބައެއް ތުހުމަތުތައް ދޮގުކޮށްފައެވެ.


