އެމްޑީޕީން ހާމަކުރި ގޮތުގައި، މިއަދު އާންމުކުރި ދާއިމީ ލިސްޓުގައި ހިމެނޭ މެންބަރުންގެ ތެރެއިން އިންތިޚާބު ބާއްވާ ދުވަހާ ހަމައަށް ޕާޓީން ވަކިވާ މެންބަރުންގެ ނަންތައް ލިސްޓުން އުނިކުރެވެމުންދާނެއެވެ. އަދި މިގޮތަށް ލިސްޓުން އުނިކުރާ ފަރާތްތަކުގެ ތަފްސީލް ފަހުން އިއުލާން ކުރާނެ ކަމަށްވެސް އެ ޕާޓީގެ އިއުލާނުގައި ބުނެފައިވެއެވެ. މިއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ސައްހަކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތެކެވެ.
އިންތިޚާބުގެ ތައްޔާރީތަކުގެ ތެރެއިން، މާލޭގެ ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތް ކުރާނެ އޮފިޝަލުން ހޯދުމަށްވެސް އެ ޕާޓީން ވަނީ އިއުލާން ކޮށްފައެވެ. މިކަމަށް ޝައުގުވެރިވާ ޕާޓީގެ މެންބަރުން 30 މެއި 2026 ގެ 14:00 ގެ ކުރިން ގޫގުލް ފޯމް މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އެދިފައެވެ. ނަމަވެސް، އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާ މެންބަރުންނަކީ ކެންޕޭން ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވާ މެންބަރުންނަށް ވެގެން ނުވާނެ ކަމަށް އެމްޑީޕީން ބުނެއެވެ.
މީގެ އިތުރުން، އިންތިޚާބާ ބެހޭ ގަވާއިދުގެ 46 ވަނަ މާއްދާގެ ދަށުން އިންތިޚާބުގެ ކަންކަން ބެލެހެއްޓުމަށްޓަކައި "ކޮމްޕްލަޔަންސް ކޮމިޓީ" އެކުލަވާލައި އެކަންވެސް މިހާރު ވަނީ އިއުލާން ކޮށްފައެވެ.


