Tuesday, 28 July 2026
ލާމު އަތޮޅުގެ މަންޒަރެއް -- ފޮޓޯ: ޓްރެވަލް ޓްރޭޑް މޯލްޑިވްސް

ލ. އަތޮޅު ބަޔޮސްފިއަރ ރިޒާވްއަކަށް ހެދުމަށް މި އަހަރު ޔުނެސްކޯއަށް ހުށަހަޅަނީ

ލ. އަތޮޅު ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ ޕްރޮޕޯސަލް މި އަހަރުގެ ތެރޭގައި ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިއީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި އިތުރު ތިން ބަޔޮސްފިއަރ ރިޒާވާއި ނޭޗަރ ޕާކުތައް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި ލ. އަތޮޅު ބަޔޮސްފިއަރ ރިޒާވްއަކަށް ހެދުމަށް ބޭނުންވާ ފަންނީ ލިޔެކިޔުންތައް މިހާރު ވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ އެ އަތޮޅުގެ ރައްޔިތުން މިކަމަށް ހޭލުންތެރިކުރުވުމާއި، އާންމުންގެ ޚިޔާލު ހޯދުމުގެ މަރުހަލާއެވެ. ބަޔޮސްފިއަރ ރިޒާވްއަކީ ހަޤީގަތުގައި ރައްޔިތުން ބޭނުންވެގެން ކުރާކަމެއް ކަމަށާއި، ލާމު އަތޮޅުގައި ދެން އިން މަސައްކަތަކީ އެތަނުގެ ކޮމިއުނިޓީގެ ބަހެއް ހޯދުން ކަމަށް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޅ. އަތޮޅު ބަޔޮސްފިއަރ ރިޒާވްއަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ބާރުދުވެލީގައި ދަނީ ކުރިއަށެވެ.

ރާއްޖޭގައި މިހާތަނަށް ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވްގެ ދަރަޖަ ލިބިފައިވަނީ ބ. އަތޮޅާއި، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށެވެ. މިފަދަ ދަރަޖައެއް ލިބުމުން އެ ސަރަހައްދެއްގެ ގުދުރަތީ ދިރުންތައް ހިމާޔަތްކުރުމުގެ ނިޒާމު ހަރުދަނާވެ، ބައިނަލްއަގުވާމީ ފެންވަރުގައި އެތަނެއްގެ މަގުބޫލުކަން އިތުރުވެގެންދެއެވެ. ބަޔޮސްފިއަރ ރިޒާވްގެ ދަރަޖަ ފުރަތަމަ 10 އަހަރަށް ދޭއިރު، އެ މުއްދަތު ހަމަވުމުން ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރިއަށްގެންދިއުމަށް އަލުން ސާވޭތައް ހަދައި ހުށަހަޅަންޖެހެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *