ފުވައްމުލައް ސިޓީ، ފުނާޑު، ރިޔާޒް (ހުސްނުހީނާގެ)، އަލްމަރްޙޫމް ޢަބްދުލްޢަޒީޒު މުޙައްމަދު އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ މަރްޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މި ތަޢުޒިޔާ ފޮނުއްވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއް މެދުވެރިކުރައްވައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ޢަބްދުލްޢަޒީޒު މުޙައްމަދަކީ ޚިދުމަތްތެރި ތަޢުލީމީ ޢާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ، ހުނަރުވެރި އަދި ކުޅަދާނަ ބޭފުޅެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ. ވަކިން ޚާއްޞަކޮށް، 1960ގެ އަހަރުތަކުގައި އައްޑޫ ނޫރާނީ ސްކޫލުގެ އިނގިރޭސި މުދައްރިސެއްގެ ގޮތުގައި ގިނަ އަދަދެއްގެ ދަރިވަރުންނަށް އުނގަންނައިދެއްވުމުގައި އެމަނިކުފާނު އަދާކުރެއްވި މުހިންމު ދައުރު ރައީސް ފާހަގަކުރެއްވިއެވެ.
ތަޢުލީމީ ދާއިރާގެ އިތުރުން، ކަނޑުދަތުރުފަތުރުގެ ދާއިރާގައި ޢަބްދުލްޢަޒީޒު 30 އަހަރަށްވުރެ ގިނަ ދުވަހު ކުރެއްވި ޚިދުމަތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ކާގޯ ބޯޓުފަހަރުގެ ކެޕްޓަނެއްގެ ގޮތުގައި ދުނިޔޭގެ އެކި ޤައުމުތަކަށް ދަތުރުކުރެއްވުމުގައި ދިގު މުއްދަތެއް ހޭދަކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓު ނިންމަވާލެއްވީ، މަރްޙޫމް ޢަބްދުލްޢަޒީޒު މުޙައްމަދު ވަކިވެވަޑައިގަތުމަކީ ޤައުމަށް ގެއްލިގެންދިޔަ ތަޖުރިބާކާރު އަދި ހަރުދަނާ ޝަޚްޞިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ. އަދި މަރްޙޫމަށް މާތްﷲގެ ރުއްސެވުމާއި ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި އެމަނިކުފާނު ދުޢާ ދަންނަވާފައިވެއެވެ.


