Tuesday, 27 October 2026
އެމްއެމްއާރް ވެކްސިން ދެނީ -- ފޮޓޯ: ސީބީސީ

ހިމަބިހީގެ ޚާއްޞަ ވެކްސިން ކެމްޕޭނެއް ފެށުމަށް ތައްޔާރުވެއްޖެ

މާލެ ސަރަޙައްދުން ހިމަބިހީގެ ކޭސްތަކެއް ފެނުމާ ގުޅިގެން، އެ ބަލިން ރައްކާތެރިވުމަށްޓަކައި ޚާއްޞަ ވެކްސިން ކެމްޕޭނެއް ފެށުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ. މި ކެމްޕޭނަކީ ބަލި އިތުރަށް ފެތުރުނަ ނުދިނުމަށާއި، ބަލީގެ ސަބަބުން ކުރިމަތިވެދާނެ ސިއްޙީ ނުރައްކާތަކުން ރައްޔިތުން ސަލާމަތްކުރުމަށް އަޅާ މުހިއްމު ފިޔަވަޅެއް ކަމަށް އެ އިދާރާއިން މަޢުލޫމާތުދެއެވެ.

ރާއްޖެއަކީ 2017 ވަނަ އަހަރު ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް، މި މެއި މަހުގެ 13 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޖުމްލަ 9 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އެޗްޕީއޭއިން މިހާރު ދަނީ ބަލިޖެހުނު މީހުންނާ ބައްދަލުވި ފަރާތްތައް ދެނެގަނެ، އެ މީހުން ޓެސްޓުކުރުމާއި ވެކްސިން ދިނުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުންނެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ޑިރެކްޓަރ ނާޝިޔާ ޢަބްދުލްގަފޫރު ވިދާޅުވީ، ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކޮށް ތިބި މީހުންނަށް އަމާޒުކޮށްގެން ކުރިއަށް އޮތް ދުވަސްތަކުގައި ވެކްސިން ދިނުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި މި ކެމްޕޭނަށް ބޭނުންވާ ވެކްސިން ރާއްޖެއިން ބޭރުން ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސިއްޙީ މާހިރުން އިރުޝާދު ދެއްވާ ގޮތުގައި، ވެކްސިން ޖެހިކަމުގެ ޔަގީން ލިޔެކިޔުމެއް ނެތް ނަމަ އެންމެ ރައްކާތެރި ގޮތަކީ އަލުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމެވެ. ހަށިގަނޑުގައި ރަތް ބިހިތަކެއް ނެގުމާއެކު ހުން އައުން ފަދަ އަލާމާތެއް ފެނިއްޖެނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ޑޮކްޓަރަށް ދެއްކުމަށްދާއިރު މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *