އިންޑިއާއަށް ފުރުމުގެ ކުރިން ދިވެހީން ހިމެނޭ ގޮތަށް، އެ ގައުމަށް އެތެރެވާ ހުރިހާ ދަތުރުވެރިން ސެލްފް ޑެކްލަރޭޝަން ފޯމު (އެސްޑީއެފް) ހުށަހަޅަން ޖެހޭ ގޮތަށް އިންޑިއާގެ ޑައިރެކްޓާ ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ހަމަޖައްސައިފިއެވެ. މި ނިންމުމާ ގުޅިގެން ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ވަނީ އިންޑިއާއަށް ދަތުރުކުރާ ދިވެހީން މި ފޯމު ފުރިހަމަކުރުމަށް އިލްތިމާސްކޮށްފައެވެ.
މޯލްޑިވިއަން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިންޑިއާ ސަރުކާރުން މި ފިޔަވަޅު އަޅާފައިވަނީ ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ އެބޯލާ އަކީ ބައިނަލްއަގުވާމީ ފެންވަރުގައި އާންމު ސިއްހަތަށް އޮތް ކުއްލި ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައެޅުމާ ގުޅިގެންނެވެ. އެހެންކަމުން، އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން ދަތުރުގެ ކުރިން މި ފޯމު ފުރިހަމަކުރުމަކީ މަޖުބޫރު ކަމެކެވެ.
މި ފޯމު ފުރިހަމަކުރުމަށް ބޭނުންވާ ކިއުއާރް ކޯޑު މޯލްޑިވިއަން އިން މިހާރު ވަނީ އާންމުކޮށްފައެވެ. ދަތުރުވެރިން އިންޑިއާއަށް އެތެރެވުމަށްފަހު، އެ ގައުމުގެ ހެލްތު އެންޑް އިމިގްރޭޝަން ކައުންޓަރަށް މި ފޯމު ހުށަހަޅަން ޖެހޭނެ ކަމަށްވެސް އެ އެއާލައިނުން ބުނެފައިވެއެވެ. މި ފިޔަވަޅުގެ މައިގަނޑު ބޭނުމަކީ ބަލިޖެހިފައިވާ މީހުން ދުރާލައި ދެނެގަނެ، އެއާޕޯޓުތަކުގައި ބަލިތައް މޮނިޓާކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމެވެ.
އެބޯލާ ފެތުރުން ހުއްޓުވުމަށްޓަކައި އިންޑިއާއިން ވަނީ އެ ގައުމުގެ އެއާޕޯޓުތަކާއި ބޯޑަރުތަކުގައި ސްކްރީން ކުރުމާއި ސަވައިލަންސްގެ މަސައްކަތްތައް ވަރުގަދަކޮށްފައެވެ. މީގެ އިތުރުން، އެބޯލާގެ ނުރައްކާ ބޮޑު ގައުމުތައް ކަމަށްވާ ކޮންގޯ، ޔުގެންޑާ، އަދި ދެކުނު ސޫދާނަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށްވެސް އިންޑިއާ ސަރުކާރުން ވަނީ އެ ގައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.


