ވ. އަތޮޅު އަލިމަތާ ކައިރީގައި ހިނގި ހިތާމަވެރި ޑައިވިން ހާދިސާގައި އިޓަލީގެ ފަސް މީހަކު މަރުވި ހޮހަޅައިގެ އެކްސްކްލޫސިވް ވީޑިއޯއެއް މިރޭ ދެއްކުމަށް އިޓަލީގެ މީޑިއާތަކުން ނިންމައިފިއެވެ. އިޓަލީގެ ޓީޖީ1 (TG1) އިން މި ވީޑިއޯ ދުރަށް ދެއްކުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މިރޭ 12:00 ގައެވެ.
މި ވީޑިއޯއަކީ "ޑޭން ޔޫރަޕް ފައުންޑޭޝަން" ގެ އެހީތެރިކަމާއެކު، މަރުވި މީހުންގެ ހަށިގަނޑުތައް ނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ފިންލޭންޑްގެ ރެސްކިއު ޓީމުން ކެމެރާކޮށްފައިވާ މަންޒަރުތަކެކެވެ. މިއީ މި ހާދިސާ ހިނގި އަނދިރި ހޮހަޅައިގެ އެތެރޭގެ މަންޒަރުތައް އާންމުންނަށް ފެންނާނެ ފުރަތަމަ ފަހަރެވެ.
މި މަސައްކަތުގައި އިސްކޮށް އުޅުނު ރެސްކިއު ޑައިވަރު ސާމީ ޕަކަރިނެން ބުނި ގޮތުގައި، ޑައިވަރުންގެ ހަށިތައް ފެނިފައިވަނީ ޗާޓުތަކުގައި ފާހަގަކޮށްފައި ނުވާ އަދި ދާން ނުޖެހޭ ފަދަ ފުން ހިސާބަކުންނެވެ. ގާތްގަނޑަކަށް 60 މީޓަރު އަޑީގައި އޮތް މި ހޮހަޅައިގެ ތެރެއަށް އެމީހުން ވަދެފައިވާކަން އެނގުނީ ވެލިގަނޑުގައި ހުރި ނިޝާންތަކަކުން ކަމަށް އޭނާ ފާހަގަކުރިއެވެ. އަދި ކުރިމަގުގައި މިފަދަ ހާދިސާތައް ހިނގުން ހުއްޓުވުމަށްޓަކައި އެ ހޮހަޅަ ރަނގަޅަށް މެޕްކުރުމަށް އަލުން ރާއްޖެ އައުމަށް ގަސްދުކުރާ ކަމަށްވެސް އޭނާ ބުންޏެވެ.
މި ހާދިސާގައި މަރުވެފައިވަނީ ޖެނޯއާ ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން (51އ) އާއި، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކަލް (23އ) އާއި، ރިސާޗަރ މުރިއެލް އޮޑެނީނޯ (31އ) އާއި، ފެޑެރީކޯ ގުއަލްޓިއޭރީ (30އ) އެވެ. މީގެ އިތުރުން "ޑޫކް އޮފް ޔޯކް" ސަފާރީގެ އިންސްޓްރަކްޓަރު ޖިއާންލޫކާ ބެނެޑެޓީ (44އ) ވެސް ވަނީ މި ހާދިސާގައި މަރުވެފައެވެ.
މި މަރުތަކާ ގުޅިގެން އިޓަލީގެ ރޯމް ޕްރޮސެކިއުޓާސް އޮފީހުން މިހާރު ދަނީ އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ ބަލައި ތަހުގީގު ކުރަމުންނެވެ. އާއިލާގެ ވަކީލުން ވިދާޅުވި ގޮތުގައި އޮޓޮޕްސީ ރިޕޯޓުތަކުން މަރުވާން ދިމާވި ސީދާ ސަބަބެއް އަދި ކަށަވަރު ނުވާތީ، އިތުރު ތަހުލީލުތަކުގެ ނަތީޖާއަށް މިހާރު ދަނީ އިންތިޒާރު ކުރަމުންނެވެ.
މަރުވި މީހުންގެ ޖަނާޒާގެ ކަންކަން މިއަދުން ފެށިގެން ކުރިއަށް އޮތް ހޮނިހިރު ދުވަހުގެ ނިޔަލަށް އެކި ގަޑިތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކޮށްފައެވެ.


