Tuesday, 28 July 2026
މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު ނާޒިމް: --- ފޮޓޯ: މަޖިލިސް

މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވަކިކުރުމުގެ ވޯޓު ނަގާ ޖަލްސާ އާދީއްތަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އެ މަގާމުން ވަކިކުރުމަށް ވޯޓު ނެގުމަށް ބާއްވާ ޖަލްސާ އަންނަ އާދީއްތަ ދުވަހަށް ތާވަލުކޮށްފިއެވެ. މިކަން މަޖިލީހުގެ އިދާރާއިން މިހާރު ވަނީ މެންބަރުންނަށް އަންގާފައެވެ.

ނާޒިމްގެ މައްޗަށް އިތުބާރު ނެތް ކަމަށް ނިންމައި، އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމަންޓަރީ ގުރޫޕުން ފާސްކުރީ މިދިޔަ މޭ މަހުގެ 13 ވަނަ ދުވަހުއެވެ. މި ނިންމުމާ ގުޅިގެން، 73 މެންބަރުންގެ ސޮޔާއެކު އޭނާ ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ މޭ މަހުގެ 14 ވަނަ ދުވަހުއެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ވަކިކުރުމުގެ ނޯޓިސް ފޮނުވާތާ 14 ދުވަސް ހަމަވުމަށްފަހު އަންނަ ފުރަތަމަ ރަސްމީ ދުވަހު އެ މައްސަލައަށް ގޮތެއް ނިންމަން ޖެހެއެވެ. ނާޒިމަށް ފޮނުވި ނޯޓިސްގެ މުއްދަތު މާދަމާއަށް ހަމަވާއިރު، އާދީއްތަ ދުވަހަކީ އެ މުއްދަތަށްފަހު އަންނަ ފުރަތަމަ ރަސްމީ ދުވަހެވެ.

މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައިވަނީ މި މައްސަލައިގެ ބަހުސަށް ޖުމްލަ އެއް ގަޑިއިރު ހާއްސަކުރުމަށެވެ. މީގެ ތެރެއިން މެންބަރުން ވާހަކަދެއްކެވުމަށް 50 މިނިޓު ކަނޑައަޅާފައިވާއިރު، އަމިއްލަ ދިފާއުގައި ޖަވާބުދާރީވެވަޑައިގަތުމަށް ނާޒިމަށް 10 މިނިޓުގެ ވަގުތެއް ދިނުމަށް ވަނީ ނިންމާފައެވެ.

އާދީއްތަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި އޮންނާނީ ހަމައެކަނި ނައިބު ރައީސް ވަކިކުރުމުގެ މައްސަލަ ކުރިއަށްގެންދިއުމެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ އެ ޖަލްސާގައި ބައިވެރިވެ ވޯޓުދޭ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *