ލ. ގަމުގައި އީދު ފާހަގަކުރުމަށް ވަމުންދިޔަ ތައްޔާރީތަކުގެ ތެރެއިން ކަރަންޓުގައި ޖެހި ހާލު ސީރިއަސްވި އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖާ، އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދޭން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަންގާރަ ދުވަހުގެރޭ، މަގުމަތީގައި ހުރި ކަރަންޓު ފޮއްޓަކުން ބޯޑު ވާގަނޑަކަށް ކަރަންޓު ގުޅަން އުޅުމުގެ ތެރޭގައެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، އެ ކުއްޖާގެ ހާލު އަދިވެސް ވަރަށް ސީރިއަސްއެވެ. މި ހާދިސާގައި ކުއްޖާއަށް ލިބުނު އަނިޔާތަކުގެ ސީދާ ތަފްސީލެއް ހޮސްޕިޓަލުން ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، ކަރަންޓުގައި ޖެހުމުގެ ސަބަބުން އެ ކުއްޖާގެ ހަށިގަނޑުގެ ބޮޑު ބައެއް ފިހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާ ހިނގި ވަގުތުން ފެށިގެން އެ ކުއްޖާއަށް އެންމެ ފުރަތަމަ ކުއްލި ފަރުވާ ދީފައިވަނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައެވެ. ނަމަވެސް، ކުއްޖާގެ ހާލަތު ދަށްވަމުން ދިއުމާ ގުޅިގެން، އެ ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް އިއްޔެ މެންދުރުގެ ވަގުތެއްގައި ވަނީ މާލެއަށް ބަދަލުކޮށްފައެވެ.


