Tuesday, 28 July 2026
ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: އެކްސް

އަމާޒަކީ އެއް ލައްކައަށްވުރެ ގިނަ މެންބަރުން އެމްޑީޕީގައި ތިބުން: ނަޝީދު

އަމާޒަކީ އެއް ލައްކައަށްވުރެ ގިނަ މެންބަރުން އެމްޑީޕީގައި ބޭތިއްބުން ކަމަށް އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިޚާބުގެ ކެމްޕެއިންގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން، އެމްޑީޕީގެ ޗެއާޕާސަންކަމަށް މިހާރު ވާދަކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު  ވިދާޅުވެއްޖެއެވެ. މިއަދު އެކްސްގައި ހިއްސާކުރެއްވި ވީޑިއޯއެއްގައި ނަޝީދު ވަނީ އެ ޕާޓީން އެއްވެސް މެންބަރަކު ވަކިވުމަށް އެދިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ އެންމެ ބޮޑު އަމާޒަކީ ވީހާވެސް ގިނަ ބަޔަކު ޕާޓީއާ ގުޅި، އެމްޑީޕީގެ މެންބަރުންގެ އަދަދު 100,000 އަށްވުރެ މައްޗަށް ގެންދިއުމެވެ. މި އިންތިޚާބުގެ ތެރެއިންނާއި އޭގެ ފަހުންވެސް ޕާޓީއަށް ގުޅޭ މެންބަރުންގެ އަދަދު އިތުރުވެގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އެ މަނިކުފާނު ވަނީ ދެއްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާރު ވެރިކަންކުރާ ޕީއެންސީގައި 74,048 މެންބަރުން އެބަތިއްބެވެ. ނަމަވެސް، އެމްޑީޕީގެ ދަފުތަރުގައި މި އަހަރު ފެށުނުއިރު ތިބީ 43,784 މެންބަރުންނެވެ. މިއީ ޕީއެންސީއާ އަޅާބަލާއިރު މަދު އަދަދެއްކަމުން، ޕާޓީގެ ދަފުތަރު ބޮޑުކުރުމަކީ މިވަގުތަށް އޮތް އެންމެ މުހިންމު އެއް މަސައްކަތްކަން ނަޝީދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، 2023 ވަނަ އަހަރު ޕާޓީން ވަކިވެވަޑައިގަތުމަށްފަހު އަލުން ގުޅިވަޑައިގެންނެވި ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން ނަޝީދު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ކުރިން ހުރި މައްސަލަތައް މިހާރު ޙައްލުކުރެވިފައިވާ ކަމަށެވެ. ޕާޓީގެ އެތެރޭގެ އެއްބައިވަންތަކަން ދެމެހެއްޓުމަކީ ކުރިއަށް އޮތް ތަނުގައި ޕާޓީއަށް ލިބޭނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *