Tuesday, 28 July 2026
މިއަދު ހުޅުމާލެ ފޭސް 2 ގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރަނީ -- ފޮޓޯ: އެޗްޑީސީ

ޢީދުގެ އުފާ ފާޅުކުރާއިރު އިސްލާމީ މިންގަނޑުތަކަށް ސަމާލުވުމަށް ޢީދު ޚުޠުބާގައި ގޮވާލައިފި

މިއަހަރުގެ އަޟްޙާ ޢީދު ނަމާދުގެ ޚުޠުބާގައި، ޢީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ ރަހުމަތާއި އުޞޫލުތަކާ ޚިލާފު ނޭދެވޭ ޢަމަލުތަކުން ދުރުހެލިވުމަށް ގޮވާލައިފިއެވެ. "ޢީދުގެ އަދަބުތައް" މި މައުޟޫޢަށް އިއްވި ޚުޠުބާގައި، ޢީދު ދުވަހަކީ މާތް ﷲ މުސްލިމުންނަށް ދެއްވި ބޮޑު ނިޢުމަތެއްކަން ފާހަގަކޮށް، ގިނަގިނައިން ތަކުބީރު ކިޔުމާއި ޝުކުރުވެރިވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.

ޢީދު ފާހަގަކުރުމުގެ ތެރެއިން ހިންގާ ބައެއް ނޭދެވޭ ކަންކަމަށް އިޝާރާތްކޮށް ޚުޠުބާގައި ވިދާޅުވީ، މީހުންނަށް ފުރައްސާރަކުރުމާއި، ދެޖިންސު މަސްހުނިވެގެން ކުޅޭ ކުޅިވަރުތަކާއި، ފިރިހެނުން އަންހެން ހެދުން އެޅުން ފަދަ އިސްލާމީ ޘަޤާފަތާ ނުގުޅޭ ކަންކަމުން ދުރުހެލިވާންޖެހޭނެ ކަމަށެވެ. އަދި ޢީދުގެ ޙަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން ވެސް ދީނާ ފުށުއަރާ ކަންކަމާއި އެހެން ދީންތަކުގެ ޝިޢާރުތަކާ އެއްގޮތްވާ ކަންކަން ނުކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމުންގެ މަތިން ހަނދުމަކުރުމަށް ގޮވާލައްވަމުން، ޚުޠުބާގައި ވަނީ ޚާއްޞަކޮށް ފަލަސްޠީނ ފަދަ ޤައުމުތަކުގައި ޤަތުލުޢާންމުތަކާއި ބަނޑުހައިހޫނުކަމުގައި ތިބި އަޚުންނާއި އުޚުތުންނަށް ހެޔޮ ދުޢާކުރުމަށް އިލްތިމާސްކުރައްވާފައެވެ. ޢީދުގެ އުފަލަކީ ހަމައެކަނި ކައިބޮއި އުޅުމެއް ނޫން ކަމަށާއި، އެއީ މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އަޚުވަންތަކަން އާލާކޮށް އެކަކު އަނެކަކަށް އެހީތެރިވާންޖެހޭ ދުވަސްތަކެއްކަން ފާހަގަކުރެއްވިއެވެ.

ޚުޠުބާ ނިންމާލައްވާފައިވަނީ ޢީދު ނަމާދުގެ ޖަމާޢަތުން ވަކިވެގެންދާއިރު، އެކަކު އަނެކަކަށް މަޢާފުކޮށް ހިތްތައް ސާފުކުރުމަށް ނަސޭހަތްތެރިވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *