މިއަހަރުގެ ޢަރަފާތް ދުވަހު ނަމިރާ މިސްކިތުގައި އިއްވި ޙައްޖު ޚުޠުބާގައި، މާތްﷲ އަށް ތަޤުވާވެރިވުމަށާއި ޙައްޖުގެ މަނާސިކުތައް އަދާކުރުމުގައި ދުޢާކުރުން އިތުރުކުރުމަށް ގޮވާލައްވައިފިއެވެ. މި ޚުޠުބާ އިއްވައިދެއްވީ ޝައިޚް ޢަލީ ބިން ޢަބްދުއްރަޙްމާން އަލް-ޚުޛައިފީއެވެ.
ޝައިޚްގެ ޚުޠުބާގައި ބޮޑަށް އަލިއަޅުއްވާލެއްވީ މާތްﷲ އެއްކައުވަންތަކުރުމާއި، ޝިރުކުގެ ނުބައިކަމުގެ މައްޗަށެވެ. ޚާއްޞަކޮށް ޤިޔާމަތް ދުވަހަށް ތައްޔާރުވުމަކީ ތަޤުވާވެރިކަމުގެ ތެރެއިން ހިމެނޭ ކަމެއްކަން ފާހަގަކުރައްވައި، ކީރިތި ޤުރުއާނުގެ އަލް-ޙައްޖު ސޫރަތުގެ އާޔަތްތަކުން މިސާލު ދެއްކެވިއެވެ. އަދި ޒިކުރުކުރުން މަތީ ދެމިތިބޭ މުއުމިނުންގެ ހިތްތައް މާތްﷲ މަޑުމޮޅިކުރައްވައި، ކެތްތެރިކަން ދެއްވާނެކަމުގެ އުފާވެރި ޚަބަރުވެސް ދެއްވިއެވެ.
ޙައްޖުގެ މަތިވެރި އަޅުކަމުގެ ތާރީޚަށް ބައްލަވައިލައްވަމުން، އިބްރާހީމްގެފާނުގެ ޒަމާނުން ފެށިގެން މިއަދާ ހަމައަށް މި އަޅުކަން ކުރިއަށްދާކަން ޝައިޚް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މާތްވެގެންވާ ކަޢުބަތުﷲ ގެފުޅާއި އެ ސަރަޙައްދުގެ ޠާހިރުކަން ދެމެހެއްޓުމަށާއި، ފާސިޤު ކަންކަމާއި ގޯސް ބަސްތަކުން ދުރުހެލިވުމަށް ހުރިހާ ޙައްޖާޖީންނަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
ޚުޠުބާ ނިންމަވާލެއްވީ ޙައްޖުގެ މަނާސިކުތައް ފުރިހަމައަށް އަދާކުރުމުގެ މުހިންމުކަން ހަނދުމަކޮށްދެއްވަމުންނެވެ. އެގޮތުން ޙައްޖުގެ މަތިވެރި ވަގުތުތައް ހެޔޮގޮތުގައި ހޭދަކުރުމަށާއި، ގިނަގިނައިން ދުޢާކޮށް ޒިކުރުކުރުމުގައި ދެމިތިބުމަށް ޝައިޚް އަލް-ޚުޛައިފީ ވަނީ ނަޞޭޙަތްތެރިވެވަޑައިގެންފައެވެ.


