ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ދިވެހި ހައްޖުވެރިން، ހައްޖުގެ އެންމެ މުހިއްމު ރުކުން ކަމަށްވާ އަރަފާތު ބިމަށް ޖަމާވާން ފަށައިފިއެވެ. މިއަހަރު ރާއްޖެއިން ޖުމްލަ 1،000 ހައްޖުވެރިން މި މަތިވެރި އަޅުކަމުގައި ބައިވެރިވެއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އެންމެ ހާޖީއެއް ފިޔަވައި އެހެން ހުރިހާ ދިވެހި ހާޖީން މިހާރު ތިބީ އަރަފާތު ބިމުގައި ކަމަށެވެ. މިވަގުތު މިނާގެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ހާޖީވެސް، ހައްޖު ކޯޕަރޭޝަންގެ އެހީތެރިކަމާއެކު އަރަފާތު ބިމަށް ގެންދެވޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
ހައްޖުވެރިން މިއަދު މުޅި ދުވަސް ހޭދަކުރާނީ އަރަފާތު ބިމުގައި އަޅުކަމާއި، ގުރުއާން ކިޔެވުމާއި ދުއާ ކުރުމުގައެވެ. އަދި މިއަދު މެންދުރު ނަމާދަށްފަހު މަސްޖިދުއްނަމިރާގައި ހައްޖު ހުތުބާ ދިނުން އޮންނާނެއެވެ.
މިއަދުގެ އިރު އޮއްސުމާއެކު ހައްޖުވެރިން އަރަފާތު ބިމުން ފައިބައިގެން ދަތުރުކުރާނީ މުޒްދަލިފާއަށެވެ. އަދި ހައްޖުގެ އަޅުކަމުގެ ތެރެއިން މާދަމާ ހެނދުނުން ފެށިގެން ޖަމްރާތަކަށް ހިލަ އުކުމުގެ ކަންކަން ކުރިއަށްދާނެއެވެ.


