ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސެނެޓް ބައްދަލުވުމެއްގައި، ކުރިއަށް އޮތް ކޮންގްރެސްގެ އިންތިޒާމުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި ކަމަކާ ދެކޮޅަށް ސެނެޓުން ފާސްކުރިކަމަށް ބައެއް ނޫސްތަކުން ފަތުރާފައިވާ ޚަބަރުތަކަކީ ކަނޑައެޅިގެން ދޮގެއްކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާހް ފާހަގަކުރެއްވި ގޮތުގައި، ޕާޓީގެ ލީޑާޝިޕާއި ސެނެޓުގައިވެސް ރައީސް މުޢިއްޒު ބޭނުންފުޅުނުވާ އެއްވެސް ކަމެއް ނުހިނގާނެއެވެ. އަދި ޕާޓީގެ ހުރިހާ މެންބަރުންގެ ފުރިހަމަ އިތުބާރާއި ލޯބި އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ.
ރައީސް މުޢިއްޒަކީ އަބަދުވެސް ޕާޓީގެ އަސާސީ ގަވާއިދާއި އުސޫލުތަކުގެ ތެރެއިން މަޝްވަރާކުރުމުގެ ރިވެތި ސިފަ އިސްކުރައްވާ ބޭފުޅެއްކަމަށް ފަލާހް ވިދާޅުވިއެވެ.
"މުޅި ބައްދަލުވުމުގައިވެސް ހުރިހާ ކަމެއްވެސް ހުށަހެޅުއްވީ ސެނެޓް މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ނިންމުމަށް،" ފަލާހްގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.
މީގެ އިތުރުން، ފައިސާ ދީގެން ބައެއް ނޫސްވެރިން ލައްވައި ދޮގު ޚަބަރު ފަތުރަމުންދާކަމަށް ފަލާހް ވަނީ ތުހުމަތުކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް މުޢިއްޒަކީ ރައްޔިތުންގެ މަޝްވަރާއާއެކު ވެރިކަންކުރައްވާ ނަމޫނާ ލީޑަރެކެވެ.


