ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ބައިނަލްއަގްވާމީ ފުޓްބޯޅަ ދުވަހާ ގުޅިގެން ރައީސް ދެއްވި މެސެޖުގައި ވިދާޅުވީ، ފުޓްބޯޅައަކީ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުން އެއްބައިވަންތަކުރުވާ ރީތި ކުޅިވަރެއް ކަމަށާއި، ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށާއި ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް މި ސަރުކާރުން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ އިންފްރާސްޓްރަކްޗާ ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ފީފާ މިންގަނޑުތަކަށް ފެތޭ ފުޓްބޯޅަ ދަނޑުތައް ތަރައްގީކުރުމުގެ އިތުރުން، ކުޅިވަރުގެ ދާއިރާއިން މުހިންމު އިސްލާހީ ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ. އެގޮތުން، ކުޅިވަރާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރު ތަރައްގީކުރުން ލާމަރުކަޒީ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ ސަބަބުން ރާއްޖޭގެ ކުޅިވަރު ސަގާފަތް ވަރުގަދަވެ، ދިވެހި އެތުލީޓުންނަށް ބައިނަލްއަގްވާމީ މައިދާނުގައި އިތުރު ފުރުސަތުތަކާއި ތަޖުރިބާ ލިބިގެންދާނެ ކަމަށެވެ. މިއީ ދިވެހި ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށްޓަކައި ސަރުކާރުން އިސްކަންދޭ މުހިންމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، ފުޓްބޯޅައިގެ ސަބަބުން ދިވެހި ރައްޔިތުންގެ މެދުގައި އޮންނަ އެއްބައިވަންތަކަމުގެ ރޫހަށް ތައުރީފު ކުރައްވަމުންނެވެ. އަދި މި ކުޅިވަރަކީ އަންނަން އޮތް ޖީލުތަކަށް ހިތްވަރު ލިބިދޭނެ ކަމެއްގެ ގޮތުގައި ސިފަކުރައްވައި، ހުރިހާ ފަރާތްތަކަށް އުފާވެރި ބައިނަލްއަގްވާމީ ފުޓްބޯޅަ ދުވަހަކަށް އެމަނިކުފާނު އެދިވަޑައިގެންފައެވެ.


