މިއަހަރުގެ ހައްޖުގެ މުގައްދަސް އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއިން ސައުދީ އަރަބިއްޔާއަށް ދިޔަ ހުރިހާ ހައްޖުވެރިން، ރޭ ފަތިހުގެ ވަގުތެއްގައި ހެޔޮ ހާލުގައި މިނާއަށް ވާސިލުވެއްޖެއެވެ.
ދިވެހި ހައްޖުވެރިންގެ ކަންކަމާ ހަވާލުވެ ހުންނެވި އޮފީހުގެ ވެރިޔާ އައްޝައިޚް އިމްތިޠާޢު ޢައްބާސްހާމަކުރެއްވި ގޮތުގައި، ހުރިހާ ދިވެހި ހައްޖުވެރިންގެ ހާލުވެސް ވަރަށް ރަނގަޅެވެ. އަދި ހައްޖު މިޝަންގެ ފަރާތުން އަންނަނީ ހައްޖުވެރިންގެ ކަންކަން ވަރަށް ގާތުން ބަލަހައްޓައި، އަޅުކަމުގެ ކަންކަން ފުރިހަމަކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މިނާގައި ދިވެހި ހައްޖުވެރިންނަށް ފަސޭހަކަމާއެކު ތިބެވޭނެ ފުރިހަމަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން، އަންހެނުންނާއި ފިރިހެނުންނަށް ވަކިން ޚާއްސަކޮށްފައިވާ އޭސީ ޓެންޓުތަކުގައި ކޮންމެ މީހަކަށް ބާލީހަކާއި، ސޯފާ ބެޑެއްގެ އިތުރުން ބެޑުޝީޓު ވަނީ ފޯރުކޮށްދީފައެވެ.
މީގެ އިތުރުން، ކޮންމެ ހައްޖުވެރިއަކަށް ކުޑަ ދަބަހަކާއި، މުސައްލައެއް އަދި ރީތިވުމަށް ބޭނުންކުރާ ސާމާނު ހިމެނޭ ޚާއްސަ ޕެކޭޖެއް ވަނީ ދީފައެވެ. އަދި ޓެންޓުތަކުގެ ބޭރުން އެއްވެސް އަގަކާ ނުލައި ފިނި ބުއިންތައް ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.
މާދަމާއަކީ ބަރަކާތްތެރި ހައްޖު ދުވަސް ކަމަށްވުމާއެކު، ހުރިހާ ހައްޖުވެރިންވެސް މިއަދު މަޑުކުރާނީ މިނާގައެވެ. އަދި ހައްޖުގެ އެންމެ ބޮޑު ރުކުން ކަމުގައިވާ އަރަފާތް ބިމަށް ދިއުމަށްޓަކައި މިނާއިން ފުރުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައެވެ.
ދިވެހި ހައްޖު މިޝަނުން ވިދާޅުވީ، ހުރިހާ ކަމެއްވެސް ރޭވިފައިވާ ގޮތަށް ވަރަށް އޮމާންކަމާއެކު ކުރިއަށްދާ ކަމަށެވެ.


