ކުރިއަށް އޮތް އީދު ބަންދާ ދިމާކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑެންގީ، އަރިދަފުސް ރޯގާ، އިންފްލުއެންޒާ އަދި ހިމަބިހި ފެތުރުމުގެ ފުރުސަތު އޮތުމުން، ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭއިން ބުނީ މި ދުވަސްވަރު ތަފާސްހިސާބުތަކުން މި ބަލިތައް އިތުރުވަމުންދާކަން ފާހަގަކުރެވޭ ކަމަށާއި، ހާއްސަކޮށް މާލެ ސަރަހައްދުން ހިމަބިހީގެ ކޭސްތަކެއް ފެނިފައިވާތީ ސަމާލުވުން މުހިއްމު ކަމަށެވެ.
އީދު ބަންދަކީ ގިނަ ބަޔަކު ދަތުރުފަތުރުކޮށް، އެއްވުންތަކުގައި ބައިވެރިވާ ދުވަސްވަރަކަށް ވާތީ، ބަލިތަކުން ރައްކާތެރިވުމަށްޓަކައި މާސްކު އެޅުމަށާއި އަތްދޮވުން ފަދަ އާންމު ސިއްހީ އާދަތަކަށް އިސްކަންދިނުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. ވަކިން ހާއްސަކޮށް، އެއާޕޯޓްތަކާއި ފެރީ ލައުންޖް ފަދަ މީހުން ގިނަ ބަންދު ތަންތަނުގައި އުޅޭއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ވަނީ އެދިފައެވެ.
ބަލީގެ އެއްވެސް އަލާމާތެއް ފެންނަނަމަ ގޭގައި މަޑުކުރުމަށާއި، ހާލަތު ގޯސްވާނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެޗްޕީއޭއިން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ހިމަބިހި ފަދަ ވެކްސިނުން ރައްކާތެރިވެވޭ ބަލިތަކުން ސަލާމަތްވުމަށްޓަކައި ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމަށާއި، މަދިރީގެ ޒަރިއާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް މަދިރި އާލާވާ ތަންތަން ނައްތާލުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، ސިއްހީ މައުލޫމާތު ހޯދުމުގައި ރަސްމީ ވަސީލަތްތަކަށް ބަރޯސާވުމަށް އެޗްޕީއޭއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. ބަލިތަކުން ރައްކާތެރިވުމަށް އެޅޭ ކޮންމެ ފިޔަވަޅަކީ މުޅި މުޖުތަމައުގެ ސަލާމަތަށް އެޅޭ މުހިއްމު ފިޔަވަޅެއްކަން އެ އެޖެންސީން ފާހަގަކުރެއެވެ.


