ހުޅުމާލެ ޖަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި، ގައިދީން ބައިތިއްބާނެ އައު ޔުނިޓެއް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސުން ހުޅުވައިފިއެވެ. މި ޔުނިޓު ގާއިމްކޮށްފައިވަނީ ކުރީގެ ކޮވިޑް ފެސިލިޓީ ހުރި ބިމުގައި އަލަށް ބިނާކުރި ދެ ފަންގިފިލާގެ އިމާރާތުގައެވެ.
ކަރެކްޝަންސް އިން މައުލޫމާތު ދެއްވާ ގޮތުގައި، "ޔުނިޓް 6″ ގެ ނަމުން ނަންދެވިފައިވާ މި ޔުނިޓަކީ މާލޭ ސަރަހައްދުގައި ފަންނީ މަސައްކަތްތަކުގައި އުޅޭ ގައިދީން ބޭތިއްބުމަށް ހާއްސަކޮށްގެން ތަރައްގީކުރި ތަނެކެވެ. މިއީ މާލޭ ޖަލު ބަންދުކުރުމާ ގުޅިގެން ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ބައެކެވެ.
މި މަސައްކަތާ ގުޅޭގޮތުން ހުޅުމާލެ ޖަލުގެ ޑައިރެކްޓަރ، ޑީއެސްޕީ އަޙްމަދު ޖާދުﷲ ވިދާޅުވީ، ޔުނިޓް 6 ތަރައްގީ ކުރަނީ ޖުމްލަ 5 ގޮޅީގެ މައްޗަށް ކަމަށެވެ. މި ޔުނިޓްގައި ޖުމްލަ 56 މީހުންގެ ޖާގަ ހުންނާނެއެވެ.
"މީގެ ތެރެއިން އެއް ގޮޅީގެ މަސައްކަތް ނިމި މިހާރު ވަނީ ބޭނުންކުރަން ފަށާފައި. ބާކީ ހުރި 4 ގޮޅި ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެ،" ޖާދުﷲ ވިދާޅުވިއެވެ.
އައު ޔުނިޓްގެ ގޮޅިތަކަކީ އޭސީ އާއި ފަންކާ ހަރުކޮށް، ބަންކު ބެޑު ބަހައްޓާފައިވާ ތަންތަނެވެ. މީގެ އިތުރުން މެސް ރޫމަކާއި، ނަމާދުކުރާ ކޮޓަރިއެއްގެ އިތުރުން ލޯންޑްރީއެއް ވެސް މި ޔުނިޓުގައި ހިމެނެއެވެ. މި އިމާރާތުގެ މަސައްކަތް އެއްކޮށް ނިމުމުން ޖުމްލަ 140 ޖާގަ އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ.
މި މަޝްރޫއުގެ މުޅި މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ޖަލުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ޖުމްލަ 400 ގައިދީންގެ ޖާގަ ވަނީ އިތުރުކޮށްފައެވެ.


