މި މަހުގެ 14 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޝަމްޢޫން ޖަލީލް (ލޫކަސް) ބަންދުން ދޫކޮށްލައިފިއެވެ. އޭނާ ދޫކޮށްލާފައިވަނީ ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ.
ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތުގައި ލޫކަސްއާއެކު ޖުމްލަ 10 މީހަކު އެ ދުވަހުގެ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރިއެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ބަންދުގެ މުއްދަތު ހަމަވުމުން އެ އެންމެން ވެސް މިހާރު ވަނީ ބަންދުން މިނިވަންކޮށްފައެވެ.
މިދިޔަ ހަފުތާގައި ބޭއްވި މި މުޒާހަރާއަކީ ނޫސްވެރިން ހައްޔަރުކުރުމާ ގުޅިގެން، ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ބޭއްވި ހަރަކާތެކެވެ. މި ހަރަކާތުގެ ތެރެއިން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ބައެއް މީހުން ހައްޔަރުކޮށްފައެވެ.
ކޯޓު އަމުރަކާ ޚިލާފުވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ނޫސްވެރިންގެ ތެރެއިން އެކަކު މިހާރު ދޫކޮށްލާފައިވީނަމަވެސް، އަދިވެސް އެއް ނޫސްވެރިއަކު ބަންދުގައި ހުރިކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، ކަމާގުޅޭ އިދާރާތަކުން ވަނީ އެ ނޫހުގެ އިސްވެރިންގެ މައްޗަށް ދައުވާ އުފުލައި، އެ މައްސަލައިގައި ވާހަކަދެއްކުން މަނާކޮށް ކޯޓު އަމުރެއް ވެސް ނެރެފައެވެ.


