Tuesday, 28 July 2026
ބަނގުރާ ގެންގުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ ޒުވާނުން --- ފޮޓޯ: ފުލުހުން

ހުޅުމާލެ ޖެޓީ ސަރަހައްދުން ގިނަ އަދަދެއްގެ ބަނގުރަލާއެކު ދެ ޒުވާނަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ހުންނަ މޭރީބްރައުން ރެސްޓޯރަންޓާ ދިމާލު ފަޅުތެރޭގައި އޮންނަ ޖެޓީ ސަރަހައްދުން، ގިނަ އަދަދެއްގެ ބަނގުރަލާއެކު ދެ ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ޖުމްލަ 48 ފުޅި ބަނގުރާ ވަނީ އަތުލައިގަނެފައެވެ.

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 20 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެކެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ އެ ސަރަހައްދުގައި ފުލުހުން ހިންގި ހާއްސަ ހަރަކާތެއްގެ ތެރެއިންނެވެ.

މި ދެމީހުންގެ އަތުން ފެނުނު ދެ ކޭސް ބަނގުރަލަކީ، އެ ސަރަހައްދުގައި އަޅާފައިވާ ސަފާރީތަކުން ގަވާއިދާ ޚިލާފަށް އެތެރެކޮށްފައިވާ ތަކެތި ކަމަށް މިހާތަނަށް ބެލެވިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މިއީ މުޖުތަމައުގެ ތެރޭގައި ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅުމާއި ވިޔަފާރިކުރުން ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހޯދުނު ތަކެއްޗެވެ.

މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެމީހުންގެ ބަންދަށް 7 ދުވަހުގެ މުއްދަތެއް އިތުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *