މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ނަމާދުކުރާ އަޑު ތާޅަފިލިން ކަނޑާލަން އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއިން އެންގި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ އެފަދަ އެންގުމެއް އެއްވެސް މިސްކިތަކަށް އަންގާފައި ނުވާނެ ކަމަށެވެ.
މި މައްސަލަ ފެންމަތިވީ ދީނީ އިލްމުވެރިއެއް ކަމަށްވާ ޝެއިހް އާދަމް ނިޝާން އިއްޔެ ހިއްސާ ކުރެއްވި ވީޑިއޯއަކާ ގުޅިގެންނެވެ. ޝެއިހް ނިޝާން ވިދާޅުވީ މާލެ ސަރަހައްދުގެ އިމާމުން ވުޒާރާއަށް ގެންގޮސް، މިސްކިތުން ބޭރަށް ނަމާދު އަޑު އިވޭގޮތަށް ހުންނަ ތާޅަފިލިތައް ކަނޑާލަން އަންގާފައިވާ ކަމަށެވެ. އަދި ބައެއް މިސްކިތްތަކުން ނަމާދު އަޑު ބޭރަށް ނީވޭ ކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ލިބެމުންދާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން އިސްލާމްދީން ނަގަހައްޓައި މިސްކިތްތައް ބެލެހެއްޓުމަށް ބޮޑު އިސްކަމެއް ދޭކަން ފާހަގަކުރައްވަމުން، ވޭތުވެދިޔަ އަހަރުގެ ތެރޭގައި އެކަނިވެސް 90 މަޝްރޫއެއްގެ އަމަލީ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވުޒާރާއިން ބުނެއެވެ. މީގެ ތެރޭގައި އާ މިސްކިތްތައް ބިނާކުރުމާއި، މިސްކިތްތައް މަރާމާތު ކުރުމަށް 19.4 މިލިއަން ރުފިޔާ ހޭދަކުރުން ހިމެނެއެވެ. އަދި މިއަހަރުގެ ތެރޭގައި ވެސް އިތުރު 17 ރަށެއްގައި މިސްކިތް އެޅުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.


